Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަޝްރޫއުތަކަށް ލޯނު ދެނީ ގާނޫނާ އެއްގޮތަށް: ބީއެމްއެލް

ސަރުކާރުން ކުންފުނިތަކަށް ދޭ މަޝްރޫއުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަމުން ދާނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަންކަމާ އެކު ކަމަށް ބުނެފި އެވެ.

ގައުމީ ބޭންކްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދާދި ފަހުން ސަރުކާރުން އަމިއްލަ 53 ކުންފުންޏަކާ ހަވާލުކުރި 206 މަޝްރޫއަށް ފައިނޭންސިން ދޫކުރަނީ ބޭންކިން ގާނޫނާ ޚިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން ބުނާ ވާހަކަތަކަކީ ސައްހަ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

"ބޭންކުން ލޯނު ދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތް ތަނުގައި ލޯނު ދޫކުރަމުން ދާނީ ވެސް ދިވެހި ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވައިދުތަކާއި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން." އޭނަ ވިދާޅުވި އެއެވެ.

އެހެންވެ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ބީއެމްއެލްގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް ހަގީގަތް އޮޅޭ ގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ސައީދު ވިދާޅުވި އެއެވެ.

ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނުނިތަކާ ސަރުކާރުން ހަވާލުކޮށްފައި ވަނީ ބީލަމަކަށް ނުގޮހެވެ.

އެގޮތަށް އަމަލުކޮށްފައި ވަނީ ކެބިނެޓުން ނިންމި ނިންމުމަކާ ވެސް ގުޅިގެމްނެވެ. އެހެންވެ އެ މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި، ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް މިދިޔަ ހަފުތާގައި އެމްޑީޕީން ސިޓީއެއް ފޮނުވާފައިވެ އެވެ.