އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިންނަށް އަންނަ މަހުން ފެށިގެން ސޯޝަލް މީޑިއާ މަނާކުރަން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ފުރާވަރުގެ ދެ ކުއްޖަކު އިސްވެ ތިބި މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އަންނަ މަހުގެ 10 އިން ފެށިގެން ސޯޝަލް މީޑިއާ މަނާކުރަން ނިންމާފައި އޮތް އޮތުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހެޅީ 15 އަހަރުގެ ނޯއާ ޖޯންސް އާއި މޭސީ ނޭލަންޑެވެ. އެ ދެ ކުދިން މިއަދު ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ 16 އަހަރުގެ ދަށުގެ ކުދިިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމި ނިންމުމަކީ ޢައިރު ގާނޫނީ ނިންމުމެއް ކަމަށާއި އެއީ ކުދިންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކަށް ވެސް އަރައުގަތުން ކަމަށެވެ.
އެހެންވެ މިކަމާ ގުޅިގެން ހަނު ނުތިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޯޓަށް މައްސަލަ ހުށަހެޅުމުގައި ކުދިންގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި ނިއު ސައުތު ވޭލްސް ތަމްސީލު ކުރައްވާ މެންބަރު ޖޯން ރަޑިކްގެ އިތުރުން ދަ ޑިޖިޓަލް ފްރީޑަމް ޕްރޮޖެކްޓް (ޑީއެފްޕީ) އިން ވެސް ހިއްސާވެ އެވެ.
މިކަމާ ގުޅިގެން އޮސްޓްރޭލިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު އަނީކާ ވެލްސް ޕާލިމަންޓްގައި މިއަދު ވިދާޅުވީ ކޯޓަށް ދިޔަޔަސް މިއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އޭނަ ވިދާޅުވީ ކޯޓަށް ދިއުމަކުން ދޭ، އިންޒާރަކުން އަދި ޓެކް ކުންފުނިތަކުން ކުރިމަތިކުރާ ޕްރެޝަރުތަކަކުން ނިންމުން ބަދަލެއް ނުވާނެ ކަމަށެވެ.
"މިކަމުގައި ގައުމުގެ މައިންބަފައިންނާއި ބެލެނިވެރިންގެ ހައްގުގައި އަހަރެމެން ސާބިތުކަމާ އެކު ދެމި ތިބޭނަން." މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ މަހުގެ 10 އިން ފެށިގެން އޮސްޓްރޭލިއާގައި 16 އަހަރުން ދަށަށް މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕްޗެޓާއި ޔޫޓިއުބްގެ އިތުރުން ތުރެޑްގެ އިތުރުން ރެޑިޓް ހިމެނެ އެވެ.
މިއީ ސޯޝަލް މީޑިއާގެ ވަސީލަތްކުގެ ސަބަބުން ކުދިންނަށް ކުރިމަތިވަމުންދާ ސިއްހީ/ނަފުސާނީ މައްސަލަތަކާއި ކުރިމަތިވަމުންދާ ނުރައްކާތަކާއި ގެއްލުންތަކުން ކުދިން ސަލާމަތް ކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅެކެވެ.
ސަރުކާރުން ބުނީ މަނާކުރަން ނިންމި އެޕްތައް އަންނަ މަހުގެ 10 ގެ ފަހުން 16 އަހަރުން ދަށުގެ ކުދިންނަށް އެކްސެސްވެވިގެން ނުވާނެ ކަމަށެވެ. އެހެންވެ އެކަމާ ހިލާފުވާ އެޕެއް ހިންގާ ކުންފުނިތައް 50 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (32.5 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ވެސް ކުރާނެ އެވެ.
އޮސްޓްރޭލިއާގައި 16 ދަށަށް ބޭނުން ކުރެވޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި ޔޫޓިއުބް ކިޑްސް އާއި ވަޓްސްއެޕާއި ޑިސްކޯޑާއި ލެގޯ ޕްލޭ އާއި ރޮބްލޮކްސް އަދި ގޫގުލް ކްލާސްރޫމް ހިމެނެ އެވެ.