Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ސާލިހުގެ ދައުރު؛ ނުކުޅެދި، ހިމޭން ވެރިކަމެއް!

ދެހާސް އަށާރައިފައި އިބްރާހިމް މުޙައްމަދު ޞާލިޙު ރައީސްކަމާ ޙަވާލުވެވަޑައިގެންނެވި އިރު، އެމަނިކުފާނުގެ މަޑުމައިތިރި ޝަޚްސިއްޔަތާއި، ޤައުމީ އެއްބައިވަންތަކަން ޤާއިމުކޮށްދެއްވުމުގެ ވަޢުދުފުޅުތަކަށް ދިވެހި ރައްޔިތުން ތިބީ ބޮޑެތި އުންމީދުތަކެއްކޮށްގެންނެވެ. ސިޔާސީ ގޮންޖެހުންތަކުން ފުރިފައިވާ ދިގު މާޒީއަކަށްފަހު، ޞާލިޙުގެ ހިމޭން ޝަޚްސިއްޔަތު ވެގެންދިޔައީ އާ ރޫޙަކަށެވެ.

އެ މަނިކުފާނު ރައްޔިތުންނަށް ހުށަހެޅުއްވީ އެއްބައިވަންތަކަމާއި، ޤާނޫނުގެ ހުކޫމަތާއި، ހާމަކަންބޮޑުކަމާއި އަދި އިޤްތިޞާދީ ހަމަޖެހުމެވެ. ނަމަވެސް، 2023 ވަނަ އަހަރު އެ މަނިކުފާނުގެ ރިޔާސީ ދައުރު ނިމިގެންދިޔައިރު، ޚިޔާނާތާއި ރުޅިވެރިކަމުގެ އިޙުސާސްތަކަށްވުރެ ބޮޑަށް ގިނަ ރައްޔިތުންގެ ހިތްތަކަށް ވެރިވެފައިވަނީ ބޮޑެތި ނާއުންމީދުތަކެވެ.

ރައީސް ޞާލިޙްގެ ރިޔާސަތު ދިވެހި ތާރީޚުގައި ފާހަގަވެގެންދާނީ ގަދަފަދަ އިޞްލާޙީ މަސައްކަތްތަކަކުން ނުވަތަ ހިތްވަރު ގަދަ ލީޑަޝިޕަކުންނެއް ނޫނެވެ. އެހެނަސް، ގައުމަށް މުހިންމު ނިންމުންތަކެއް ނިންމަން ޖެހުނު ދަނޑިވަޅުތަކުގައި، ފަސްޖެހިވަޑައިގެން، ހިމޭންކަމާ އެކު ދުރުހެލިވެވަޑައިގެންނެވި ލީޑަރޝިޕެއްގެ ގޮތުގަ އެވެ. އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އެ މަނިިކުފާނުގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި ސިފަކުރައްވަނީ އޯގާތެރިކަމާއި މަޑުމައިތިރި ކަމެވެ. ނަމަވެސް، ހިތްވަރުގަދަ ނިންމުންތަކެއް ނުނިންމަވައި ދެއްކެވި މި އޯގާތެރިކަން، އެމަނިކުފާނުގެ ވެރިކަމުގެ ނާޒުކުކަމަކަށް ވެގެން ދިޔަ އެވެ.

ގައުމީ މުހިންމު ކަންކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުން ލާޒިމުވި ހާލަތްތަކުގައި، މުހިންމު ނިންމުންތައް ފަސްކުރެއްވުމުގެ އިތުރުން، މި މައްސަލަތައް އެހެން ފަރާތްތަކާ ހަވާލުކުރެވުމުގެ ސަބަބުން، ހާލަތު ކޮންޓްރޯލުން ނެއްޓި، ނުރައްކާތެރި ހިސާބަކަށް ވާސިލުވެފައިވެއެވެ. ދިވެހިރާއްޖެއަށް ބޭނުންވީ ކޮޅިގަނޑެއްގެ ތެރެއިން ނަވުގެ ކަންކަން ހަރުދަނާކަމާއެކު ހިންގާނެ ލީޑަރެކެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށް ލިބުނީ ރާޅުތަކާ ދުރަށް ވަޑައިގަންނެވި ކެޕްޓަނެކެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގެ އެންމެ ބޮޑު ނާކާމިޔާ ބީއަކީ، އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި އެކުލަވާލެވުނު ކޯލިޝަން ރޫޅިގެންދިއުމެވެ. ޑިމޮކްރަސީ އަނބުރާ ޤާއިމުކުރުމަށްޓަކައި އެދުވަސްވަރު އުފެދުނު އެއްބައިވަންތަކަން، އެކި ސިޔާސީ ފިކުރުތަކަށް ބައިބައިވެ، އެތެރޭގެ ހަމަނުޖެހުންތަކާއި، އާންމު ހިޔާލުތަފާތުވުންތަކަށް މަގުފަހިވި އެވެ. އެކަށީގެންވާ ބާރާއެކު މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމުގެ ބަދަލުގައި، ކޮރަޕްޝަނާއި ފަސާދަ ފެތުރުމަށް ރައީސް ޞާލިޙް ދޫދެއްވި އެވެ.

ސުލްހަވެރިކަމާއި އެކުގައިގުޅިގެން މަސައްކަތްކުރުމުގެ ވަޢުދުތަކުގެ މައްޗަށް ބިނާވެފައިވާ އެ ކޯލިޝަން، ސިޔާސީ ކަންކަން ހިންގުމުގައި ރައީސް ޞާލިޙްގެ ފަރުވާކުޑަފުޅުކަމުގެ ސަބަބުން ރޫޅިގެން ދިޔައީ އެވެ.

ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ސަރުކާރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް، މި ހާލަތުގެ މައިގަނޑު ޒިންމާ ޞާލިޙުގެ ސަރުކާރުން ނަންގަވަން ޖެހޭނެކަން ފާހަގަ ކުރަމެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ފެށިފައި ވަނީ، މާޒީގެ ކޮރަޕްޝަނުން އަރައިގަނެ، ޤައުމީ މާލީ ހާލަތު ހަރުދަނާކުރުމުގެ ބޮޑެތި އުންމީދުތަކަކާއި ވައުދުތަކަކާ އެކުގަ އެވެ.

ނަމަވެސް، އޭގެ ބަދަލުގައި، ޤައުމު ރެކޯޑު މިންވަރަކަށް ދަރަނިވެރިވިއެވެ. އިޤްތިޞާދުގެ މުހިންމު ސިނާޢަތްތައް އަލުން ބިނާކުރުމުގެ މަސައްކަތްތައް ލަސްވެ، ދެމެހެއްޓެނިވި ދުރުރާސްތާގެ ކުރިއެރުމަކަށް ބޭނުންވާ ހަރުދަނާ ސްޓްރެޓެޖީއެއް އެކުލަވައިލެއްނުތަނެއް ނުފެނުނެވެ. ކެބިނެޓް ބަދަލު ކުރުމާއި، އާ ކޮމިޓީތައް އެކުލަވާލުމުގެ ވައުދުތައް ފުއްދެވުނު ނަމަވެސް، އެމަނިކުފާނުގެ ހަރުދަނާ އިޤްތިޞާދީ ދުރު ވިސްނުމެއް ނެތްކަން ފޮރުވައިލެވޭނެ ގޮތެއް ނުފެނުނެވެ. ކަނޑައެޅިގެން ރާވާފައިވާ ޢަމަލީ މަސައްކަތްތަކެއް ފެންނާނެކަމަށް އުންމީދުކުރެވުނު ވަގުތެއްގައި، ޞާލިޙުގެ ސަރުކާރުން ހުށަހެޅުއްވީ އިތުރު ކޮމިޓީތަކާއި ހަމައެކަނި ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ.

ޞާލިޙްގެ ރިޔާސަތުގެ އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ކުރިމަތިލުމުގައި ނުކުޅެދުންތެރިވުމެވެ. ނުވަތަ އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެއްވުމެވެ.

އިންތިޚާބުގެ ކުރިން ވެވަޑައިގެންނެވި ވަރުގަދަ ވަޢުދުތަކާއި، ފުޅާދާއިރާއެއްގައި ޢާންމުންގެ މެދުގައި ހުރި ނުރުހުންތެރިކަމާއެކުވެސް، ބޮޑެތި މައްސަލަތައް ހައްލުނުވެ ބާކީވެފައި ބެހެއްޓުނެވެ. މަޝްހޫރު ތަހުގީގުތައް ކުރިއަށްދިޔައީ ވަރަށް މަޑުމަޑުން ފަނޑުކޮށެވެ. ބޮޑެތި ކުށްކުރުމުގައި ޝާމިލުވެފައިވާ ސިޔާސީ ބައިވެރިންނަށް ހިމާޔަތް ލިބި، ނުވަތަ އެއްވެސް އަޅާލުމެއް ނެތި ދޫކޮށްލެވުނެވެ. މިގޮތަށް ޢަދުލު އިންޞާފު ޤާއިމު ކުރުމުގައި ނާކާމިޔާބުވުމުގެ ސަބަބުން ޢާންމުންގެ އިތުބާރު ދަށްވުމުގެ އިތުރުން، ކުރީގެ ސަރުކާރުތަކުގެ ނޭދެވޭ އަސަރުތައް ޞާލިޙުގެ ދައުރުގެ ތެރެއަށް ވެސް ފެތުރިގެން ދިއުމަށް މަގުފަހިވި އެވެ.

އެހެންނަމަވެސް، ޞާލިޙުގެ ވެރިކަމުގައި ޤައުމުގައި އަމިއްލަ މިނިވަންކަމުގެ ރޫޙެއް އަލުން ޤާއިމުކުރައްވައި، ކުރީގެ އަހަރުތަކުގެ ހަމަނުޖެހުންތައް މަދުކުރައްވައި، ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަ ކުރެއްވިއެވެ. ނަމަވެސް، ތާރީޚްގައި ލީޑަރުން ވަޒަންކުރަނީ އެބޭފުޅުންގެ ހެޔޮ ނިޔަތްތަކުންނާއި މަޑުމައިތިރި ކަމަކުންނެއް ނޫނެވެ. އެކަމަކު އެބޭފުޅުންގެ ޖުމްލަ ޢަމަލުތަކުގެ މައްޗަށް ބިނާކޮށެވެ.

ތާރީޚްގައި އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސަތު ފާހަގަވެގެން ދާނީ ރައްޔިތުންނަށް އަނިޔާވެރިވި ވެރިކަމެއްގެ ގޮތުގައެއް ނޫނެވެ. ބަދަލުގައި، އެމަނިކުފާނަކީ އޯގާތެރިކަމާއި ސާދާކަން ދެމެހެއްޓެވި ވެރިއެއް ކަމުގައި ވިޔަސް، ޤައުމަށް އެންމެ ބޭނުންވި ހައްސާސް ދަނޑިވަޅުތަކުގައި، މުހިންމު ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒުކުރެއްވުމުގައި ފަސްޖެހިވަޑައިގަތް ލީޑަރެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން، އެމަނިކުފާނުގެ ނަންފުޅު ހަނދާން ކުރެވޭނީ އެއްބައިވަންތަ ކަމަށް ގަދަޔަށް އެދިވަޑައިގަތް ނަމަވެސް، އެ މަގުގައި ފަސްޖެހިވަޑައިގެންނެވި ރައީސެއްގެ ގޮތުގައެވެ. އަދި އެއްބައިވަންތަ ކަމަށް އަމާޒުކުރެއްވި ނަމަވެސް، ބައިބައިވުމަށް މަގުފަހިކޮށް ދެއްވި ވެރިއެއްގެ ގޮތުގައި ވެސް މެ އެވެ.

އެމަނިކުފާނުގެ ވެރިކަމުން ލިބިގެންދާ މުހިންމު ދަރުސަކީ، އެކަށީގެންވާ ވަރުގަދަ ލީޑަޝިޕެއްގެ ބަދަލުގައި ހެޔޮ ނިޔަތަކީ ފުދޭނެ ކަމެއް ނޫންކަމެވެ. އަދި ދިވެހިރާއްޖެ ފަދަ ސިޔާސީ ގޮތުން ހަލަބޮލި ޤައުމެއްގައި، ރަނގަޅު ސްޓްރެޓެޖީއެއް ނެތި މަޑުމައިތިރި ކަމަކީ ކާމިޔާބީ އަށް ވާސިލުވުމަށް އެކަށީގެންވާނެ ކަމެއް ނޫންކަމެވެ.