މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވި ފެންގަނޑު ހިންދަން ސިފައިން ނުކުމެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުން މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ގެތަކަށް ފެންވަންނަމުންދާތީ ފެންހިންދުމާއި ވެލިބަސްތާ ޖެހުމުގައި ވެސް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.