ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވައިފި އެވެ.
މީކާއިލް ހުށަހެޅުއްވީ ގާނޫނުއަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ.
އެއީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރާއިރު މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމްލަ އަދަދުގެ 30 ޕަސެންޓު ދާއިރާއަކީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ޚާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅައި، މަޖިލީހުގައި ހިމެނޭ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރުމަށެވެ.
މީކާއިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުން ކަމުގައިވީ ނަމަވެސް ވިހިވަނަ މަޖިލީހުގައި ޒުވާނުން ކަމަށް ބަލާ އުމުރުފުރާގައި ހިމެނެނީ އެންމެ 11 ޕަސެންޓު މެންބަރުން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ އެއް ބަޔަކީ ޒުވާނުންކަމަށްވީ ނަމަވެސް، ސިޔާސަތުތައް އެކުލަވާލައި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިސްކޮށް ބަސްބުނުމުގެ ހައްގު ފުޅާ ދާއިރާއެއްގައި ޒުވާނުންނަށް ތަނަވަސްކޮށްދިނުމަކީ މި އިސްލާހުގެ ބޭނުމެއް ކަމަށް މީކާއީލް ވިދާޅުވި އެވެ.
މިވަގުތު ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރަކު އެބަ ތިއްބަވައެވެ.