ކްރިމިނަލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ގާޒީ ފާއިޒު ޢަމަލުކޮށްފައިވާކަން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާތީ ކަމަށެވެ.
ގާޒީ ފާއިޒުގެ މި ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ގާޒީ ފާއިޒު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.