Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކޯސްޓްގާޑް 'ހުރަވީ' ލަންކާ އަށް

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް) ގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އެގައުމަށް ފުރައިފި އެވެ.

ލަންކާ ނޭވީ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި މަހުގެ 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށް ދާނީގެ ވެރިރަށް، ކޮލޮމްބޯ އާއި ޓްރިންކޮމަލީގަ އެވެ. މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމެއްގެ ނޭވީން ބައިވެރިވާ އިރު، އޭގެ ތެރޭގައި ރާއްޖެ އާއި ލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، އިޓަލީ، ރަޝިއާ ފަދަ ގައުުމުތަކުގެ ކަނޑުގެ އުޅަނދުތަކާއި ވަފުދުތައް ހިމެނެ އެވެ.

އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް، މާދަމާ އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އެ ހަރަކާތްތަކުގެ ތެރޭގައި އޮޕަރޭޝަނަލް ޑެމޮންސްޓްރޭޝަންތަކާއި، ގައުމުތަކުގެ ސަގާފީ ހަރަކާތްތަކާއި އަދި ޕްރޮފެޝަނަލް އިންޓަރެކްޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އޭގެތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކާއި، ސަގާފީ އަދި އަސްކަރީ ބޭންޑުތަކުގެ ހުށަހެޅުންތަކާއި، ފުޑް ގާލާގެ އިތުރުން ސިޓީ ޕެރޭޑް އަދި ޝިޕްތަކަށް ޒިޔާރަތް ކުރުން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ފްލީޓް ރިވިއުގައި ކޮލޮމްބޯއިން ޓްރިންކޮމޮލީ އަށް ޝިޕްތަކުން ފަށާ ދަތުރު، ރިވިއުކޮށް ދެއްވާނީ ލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.

މިއީ ލަންކާއިން ބާއްވާ ތިންވަނަ އިންޓަނޭޝަނަލް ފްލީޓް ރިވިއު އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން މި ފްލީޓް ރިވިއުގައި ބައިވެރިވުމުން ރަމްޒުކޮށް ދެނީ، ރާއްޖެ އާއި ލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި، މެރިޓައިމް ސެކިއުރިޓީއަށް ކުރެވޭ މަސައްކަތްތަކުގައި އްޖެއިން ދޭ އަހަންމިއްޔަތާއި ދޭ އެއްބާރުލުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.