Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

ހޮންކޮންގުގެ ހައުސިން ޓަވަރުތަކެއްގައި ރޯވެއްޖެ

ހޮންކޮންގެ ހައުސިން ޓަވަރުތަކެއްގައި މިއަދު ރޯވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޯވެފައި ވަނީ ގާތް ގާތުގައި ހަތަރު ޓަވަރެއްގަ އެވެ. އެ ޓަވަރުތަކުގެ އެޕާޓްމަންޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ އިރު، އަލިފާން ރޯވި ހާދިސާގައި މިހާތަނަށް 13 މީހަކުމަރުވެފައިވާ ކަމަށް ވެސް ކަމާ ބެހޭ ފަރާތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ. މަރުވި މީހުންގެ ތެރެއިން އެކަކީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔާ ފައިޓަރެކެވެ.

މި ހާދިސާގައި ޒަހަމްވި 28 މީހަކަށް ފަރުވާ ވެސް ދެމުން އަންނަ އިރު، އޭގެ ތެރެއިން ހަ މީހެއްގެ ހާލު ވެސް ވަރަށް ސީރިއަަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓައި ޕޯ ޑިސްޓްކްރިޓްގައި އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ފަޔަ ފައިޓަރުން ކުރަމުން އަންނަ އިރު، ގިނަ ބަޔަކު ޓަވަރުތަކުގެ އެޕާޓްމަންޓްތަކުން ނުނުކުމެވި ތާށިވެފައިވެ އެވެ.

މީޑިއާތަކުން ބުނީ ރޯވި ޓަވަރުތައް ހުރި ސަރަހައްދުގައި އާންމުން ދިރިއުޅެމުން އަންނަ 8 ޓަވަރު ހުރި ކަމަށާއި އެތަންތަނުގައި ޖުމްލަ 2،000 އެޕާޓްމަންޓް ހުރި އިރު، ދިރިއުޅޭ މީހުންގެ އަދަދު 4،800 އަށް އަރާ ކަމަށެވެ.

ޓަވަރުތަކުގައި ރޯވި އިރު، މަރާމާތުތަކުގެ މަސައްކަތްތަކަށް ޓަވަރުތަކުގެ ބޭރުގެ އޮނުހަރުތަކެއް ހަދައި، ދާ ޖަހާފައިވެ އެވެ. ނަމަވެސް ޓަވަރުތަކުގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.