ވިލިމާލޭގެ ނިކަގަސްތައް ކަނޑާނުލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ބައެއް ރައްޔިތުން ވަނީ ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަހެއް ކަނޑާލުމަށް އެދިފަ އެވެ. އަދި އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ނިންމެވިކަން ރައީސް އެ ރޭ އިއުލާން ކުރެއްވި އެވެ.
އެ ނިކަގަސްތައް ކަނޑަން ނިންމުމާ އެކު، ތިމާވެށީގެ ހިމަޔާތުގައި އަޑުއުފުލާ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއާއެކު ރައީސް ވަނީ ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި އެ ރަށުގައި 300 ގަސް އިންދާނެ ކަމަށް ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވިލިމާލޭ ނިކަގަހަކީ ޝަމްސުއްދީން ރަދުން ފުވައްމުލަކަށް ފަހު ގެންނަވާފައި އެ ރަށުގައި ބަހައްޓާފައި ހުރިއިރު ވެސް ބިޔަކޮށް ހުރި ގަހެއް ކަމަށެވެ. އަދި ވިލިނގިލީގައި ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން ލައްވާ ބުރަ މަސައްކަތް ކުރުވާފައި ގެނެސް މެންދުރު މަޑުޖެހިލަން ތަންވަޅެއް ދޭން ބައިތިއްބާފައި ތިބީ ވެސް އެ ގަހުގެ ކައިރީގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން މިއީ 100 އަހަރަށް ދާ ތަރިކައެއް ކަމަށާއި އެހެންކަމުން މި ގަސް ކަނޑާ ނުލުމަށް ނަޝީދު ގޮވާލެއްވި އެވެ.
ވިލިމާލޭގެ ނިކަގަސްތައް ކަނޑާލުމުގެ އިތުރަށް އާންމުންނަށް އުނދަގޫވާތީ މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަސް ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.