ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލުން 3-1 އިން ބަޔާން މިއުނިކް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް 4-1 އިން ޕީއެސްވީ އަތުން ބަލިވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓްގައި އާސެނަލަށް ލީޑު ނަގައިދިނީ ޖޫރިއަން ޓިމްބާ އެވެ. މިއީ ބަޔާންގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ޓިމްބާ ކާމިޔާބުކުރި ގޯލެކެވެ. އާސެނަލްގެ ލީޑު ފުޅާކޮށްލަން އެޒޭއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، މެޗުގެ 32 ވަނަ މިނެޓްގައި އުމުރުން 17 އަހަރުގެ ލެނާޓް ކާލް ވަނީ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
އާސެނަލަށް ދެވަނަ ފަހަރަށް މި މެޗުގައި ލީޑު ނަގައިދިނީ މެޗުގެ 69 ވަނަ މިނެޓްގައި ނޮނީ މަޑުއޭކޭ އެވެ. އަދި މެޗުގެ 77 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
މިއީ މި ސީޒަނުގައި ބަޔާން ބަލިވި ފުރަތަމަ މެޗެވެ.
ނެދަލޭންޑްސްގެ ޕީއެސްވީ އަތުން ލިވަޕޫލް ރޭ ބަލިވިއިރު، އެންމެފަހުން ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.
މި މެޗުގެ ހަވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އިވާން ޕެރިސިޗް ވަނީ ޕީއެސްވީ އަށް ލީޑު ނަަގައިދީފަ އެވެ. މެޗުގެ 16 ވަނަ މިނެޓްގައި ޑޮމިނިކް ސޮބޮސްލާއި ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެޗުގެ 56 ވަނަ މިނެޓްގައި ގުސް ޓިލް ވަނީ ޕީއެސްވީ އަށް އަލުން ލީޑު ނަގައިދީފަ އެވެ. ޕީއެސްވީގެ ތިންވަނަ ގޯލާއި ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ކުހައިބް ޑްރިއުޗް އެެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް 5-3 އިން ކުރި ހޯދައިފަ އެވެ. އަދި ކިލިއަން އެމްބާޕޭގެ ހަތަރު ގޯލުން ރެއާލް މެޑްރިޑުން 4-3 އިން އޮލިމްޕިއާކޯސް ބަލިކުރިއިރު، ފަހު ވަގުތު އެތުލެޓިކޯ މެޑްރިޑުން ވަނީ 2-1 އިން އިންޓަ މިލާންގެ މައްޗަށް ކުރި ހޯދައިފަ އެވެ.