ހޮންކޮންގުގެ ޓައި ޕޯ ޑިސްޓްރިކްޓްގެ ހައުސިން ޓަވަރުތަކެއްގައި އިއްޔެ ރޭ ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައިފި އެވެ.
ރޯވެފައި ވަނީ ގާތްގާތުގައި އިމާރްކޮށްފައިވާ އަށް ޓަވަރެއްގެ ތެރެއިން ހަތަރު ޓަވަރެއްގަ އެވެ. ދެހާހަށް ވުރެ ގިނަ އެޕާޓްމަންޓްތައް ހުރި މި ޓަވަރުތަކުގައި 4،800 އަށް ވުރެ މީހުން ދިރިއުޅެ އެވެ.
ޓަވަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި ބޮޑު ހާދިސާގައި 45 މީހަކު ޒަހަމްވެގެން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ އިރު، ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސްއަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި މި ހާދިސާގައި 300 އެއްހާ މީހުން ވަނީ ގެއްލިފަ އެވެ.

ޓަވަރުތަކުގައި ރޯވެ އަލިފާން ފެތުރިގެން ދިޔައީ މަރާމާތުތަކެއް ކުރަން އޮނުން ހަދާފައިވާ ހަރުތަކެއް ޓަވަރުތަކުގެ ބޭރުގައި ޖަހައި ފަސޭހަ އިން އަލިފާން ހިފައިފާނެ ކަހަލަ ދާތަކެއް ވެސް ދަމާފައި ވަނިކޮށެވެ.
ހޮންކޮންގުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ޓަވަރުތަކުގައި ރޯވި އަލިފާން މިއަދު ހެނދުނު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަަމަށެވެ. ނަމަވެސް އުސްކޮށް ހަދާފައިވާ ޓަވަރުތަކުގެ އެންމެ މަތީ ފްލޯތަކަށް ވާސިލުވާން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ބުންޏެވެ.

އެހެންވެ މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެ އެވެ.
މީޑިއާތަކުން ބުނީ މި ހިތާމަވެރި ބޮޑު ހާދިސާއާ ގުޅިގެން ހައުސިން ޓަވަރުތަކުގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އައި ކުންފުނީގެ ތިން މީހަކު މިހާތަނަށް ހައްޔަރުކޮށް، މިކަމާ ގުޅޭ ހާއްސަ ތަހުގީހެއް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.
ފުލުހުންގެ ސްޕްރިންޓެންޑެންޓް އެލީން ޗަންގް ވިދާޅުވީ ފަރުވާ ކުޑަވުމާއި އިހުމާލުގެ ސަބަބުން ހިނގާފައިވާ ހާދިސާއެެއް ކަމަށެވެ. އެހެންވެ މިކަމުގެ ޒިންމާ ކުންފުނިން ނަގަން ޖެހޭނެ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.

ހޮންކޮންގައި އަލިފާންގެ ހާދިސާއެއްގައި އެންމެ ފަހުން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައ ވަނީ 1996 ގަ އެވެ. އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯލޫން ޑިސްޓްރިކްޓް ކޮމާޝަލް އިމާރާތެއްގައި ރޯވެ 41 މީހަކު މަރުވި އެވެ.