މި ހަފުތާގައި މަރުވި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ދަރުމެންދުރާގެ ހަނދާންތައް އާ ކުރަން އާއިލާ އިން ހާއްސަ ހަފުލާއެއް ބާއްވަން ތައްޔަރުވާން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ "ސެލެބްރޭޝަން އޮފް ލައިފް" ގެ ނަމުގައި މި ހަފުލާ ބާއްވާނެ ވަގުތެއް ދަރޭގެ އާއިލާ އިން މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ ހަފުލާ ބާއްވަން ނިންމާފައި ވަނީ މުމްބާއީގެ ފަސް ތަރީގެ ހޮޓަލެއްގައި ކަމަށެވެ. އަދި އެ ހަފުލާގައި ދަރޭގެ ފިލްމުތަކުން އެންމެ ފާހަގަކޮށްލެވުނު ބައެއް ލަވަތައް މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގާމް ހުށަހަޅައި ދޭނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ހިންދީ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ދަރޭގެ ހަނދާންތައް އާ ކުރަން ބާއްވާ "ސެލެބްރޭޝަން އޮފް ލައިފް" އަށް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކަށް ދަރޭގެ އާއިލާ އިން ދައުވަތު ވެސް ދޭން ނިންމާފައިވާ ކަމަށް ހަންގާމާ އިން ބުންޏެވެ.
އުމުރުން 89 އަހަރުގައި ދަރޭ މަރުވީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭނަ މަރުވީ މި ފަހުން ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ހޮސްޕިޓަލްގައި ވެސް ދެ ފަހަރެއްގެ މަތިން އެޑްމިޓްކޮށް ފަރުވާ ދީފައި ވަނިކޮށެވެ. ދަރޭ އަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ އާއި ބޮބީގެ އިތުރުން ބަތަލާ އީޝާ ޑިއޯލްގެ ބައްޕަ އެވެ. އަދި ބަތަލާ ހެމާ މާލިނީ އަކީ ދަރޭގެ ހަގު އަނބި އެވެ.
ފަސްދޮޅަސް ފަސް އަހަރަށް ދިގު ދެމިގެން ދިޔަ ދަރޭގެ ފިލްމީ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ހިންދީ ސިނަމާގެ އައިކޮނިކް ފިލްމުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 1975 ގެ "ޝޯލޭ" އެވެ.
ދަރޭ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އިންނެވެ. އަދި އޭނަގެ ކުރިއަށް އޮތް ފިލްމަކީ އެ ފިލްމު ވެސް އުފެއްދި މެޑޮކް ފިލްމްސް އިން އަންނަ މަހުގެ 25 ގައި ގެނެސްދޭން އުޅޭ "އިއްކީސް" އެވެ.