ގައުމީ އެއާލައިން، މޯލްޑިވިއަނަށް ކެބިން ކްރޫން ހޯދަން އިއުލާންކޮށްފި އެވެ.
އެގޮތުން މިކަމަށް ހާއްސަކޮށްގެން އަންނަ މަހުގެ 10 ގައި ވޯކް-އިން އިންޓަވިއުއެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެކަން ކުރިއަށް ގެންދާނީ އެސްޓީއޯ ޓްރެއިނިން ސެންޓަރުގައި އެ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު ފަހު 2:30 އަށެވެ.
އެހެންވެ މޯލްޑިވިއަންގެ ކެބިން ކްރޫންނަށް ވާން ޝައުގުވެރިވާ ދެ ޖިންސުގެ ޒުވާނުން އިންޓަވިއު އަށް ދާއިރު ތައުލީމީ ސެޓުފިކެޓްތަކާއި ސީވީގެ އިތުރަށް، ޕާސްޕޯޓު ސައިޒު ފޮޓޯއަކާއި މީހާ އެއްކޮށް ފެންނަ ފޮޓޯއެއް ގެންދަން ޖެހެ އެވެ. ކެބިން ކްރޫންގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނެއްގެ ނަމަ، އިސްކޮޅުގައި މަދުވެގެން ފަސް ފޫޓު، ހަތަރު އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު، ދެ އިންޗި ހުންނަން ޖެހެ އެވެ.
ކެބިން ކްރޫންނަށް ހޮވޭ މީހުންނަށް ދާއިރާ ފެންވަރުގެ މުސާރައަކާއި ހެލްތު އިންޝުއަރެންސާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ މޯލްޑިވިއަނުން ބުންޏެވެ.