Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދިއްދޫ އިސްލާމީ މަރުކަޒު މާދަމާ ހުޅުވަނީ

ހއ. ދިއްދޫގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒު މާދަމާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެތަން ހުޅުވަން ނިންމާފައި ވަނީ މާދަމާގެ ހުކުރު ނަމާދަށެވެ.

ދިއްދޫ އިސްލާމީ މަރުކަޒަށް ނަން ދީފައި ވަނީ ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އޭރު މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށެވެ. އޭނަ އަކީ ދިއްދު އަށް ނިސްބަތްވާ ބޭފުޅެކެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ބިނާކޮށްފައި ވަނީ އެ ރަށުގައި އަލަށް އާބާދުވަމުން އަންނަ ހިއްކިބިން ސަރަހައްދުގަ އެވެ.

މި އިސްލާމީ މަރުކަޒު މާދަމާ ހުޅުވާ އިރު އެތަނުގެ އިސްލާމީ ލައިބްރަރީ އާއި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ ހިދުމަތް ވެސް ފަށާނެ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ހެދީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ހަވާލުކޮށްގެންނެވެ. ޖުމްލަ 50 މިލިއަން ރުފިޔާގެ މި މަޝްރޫއު އަކީ 1،500 މީހުންނަށް ނަމާދު ކުރެވޭ ޖާގައާއެކު ބިނާކޮށްފައިވާ ތަނެކެވެ. އެތަނުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސްރޫމް ވެސް ހަދާފައިވެ އެވެ. އަދި ދެ ސެމިނާ ރޫމާއި އޮފީސް ޖާގައެއް ވެސް ހިމެނެ އެވެ.

މިހާރު ވެސް ބައެެއް ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރި، ބައެެއް ރަށްރަށުގައި ހަދާ މަރުކަޒުތައް ކޮންޓްރެކްޓަރުންނާ ދާދި ފަހުން ހަވާލު ވެސް ކޮށްފައިވެ އެވެ.