ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް ނަގަން ޖެހޭ ގޮތަށް ކައުންސިލުން އަނެއްކާ ވެސް ނިންމައިފި އެވެ.
ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ސިޓީގެ އާބާދީ ހިފެހެއްޓުމުގެ ބޭނުމުގައި ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީ ނަގަން ނިންމުމުން، އިޖުރާއަތްތައް ފުރިހަމަކޮށްފައި ނޫނީ އެ ފީ ނުނެގުމަށް ލޯކަލް ގަވަރަމަންޓް އޮތޯރިޓީ އެލްޖީއޭ) އިން ލަފާ ދީފައިވާ ކަމަށެވެ.
އެހެންވެ މިކަމާ ގުޅޭ ގޮތުން ޖުލައި 9 ގައި އެލްޖީއޭ އިން ފޮނުވި ސިޓީއާ އެއްގޮތަށް، އެ ފީ ނެގުން ހުއްޓާލައި ރަށުގެ އާއްމުންނާ އެކު މިދިޔަ އޮގަސްޓް 10 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި 5،000ރ. ގެ ފީއެއް ނަގަން ހިޔާލު ދީފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ.
ކައުންސިލުން ބުނީ އެކަން ކުރީ ރަށްވެހިކަން ދޫކޮށްލުމުން ފީގެ ގޮތުގައި ނަގާނެ އަދަދުތަކުގެ ގޮތުގައި 0-5،000ރ. އާ ދެމެދުގެ ފީ ހިމެނޭ ގޮތަށް އިހުތިޔާރު ދީފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް، އާއްމުންގެ ހިޔާލަށް ހުށަހެޅުމުން މެޖޯރިޓީ ރައްޔިތުން އެގޮތަށް ނިންމުމުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެހެންވެ އެއާ އެއްގޮތަށް ކުރީގެ އިއުލާން ބާތިލްކޮށް، އަލުން އެ ފީ ނެގުމަށް މިދިޔަ އާދިއްތަ ދުވަހު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އެންމެ4 އަތުން ފީ ނަގަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. ނަމަވެސް ފަހުން ހުއްޓާލީ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެލްޖީއޭ އިން އެންގުމާ ގުޅިގެންނެވެ. އެވެ.
ތިނަދު އަށް ސިޓީއެެއްގެ ދަރަޖަ އެންމެ ފުރަތަމަ ދީފައި ވަނީ 2023 ގެ ރިޔާސީ އިންތިހާބު ކެމްޕޭންގެ ތެރޭގައި އޭރުގެ ސަރުކާރުންނެވެ. ސިޓީއެެއްގެ ދަރަޖަ ދޭން އެންމެ އާންމު މިންގަނޑަކީ އާބާދީގައި 10،000 ހިމެނުމެވެ. ނަމަވެސް އާބާދީގައި އެ އަދަދު ހަމަ ނުވަނީސް ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން އޮގަސްޓު 30، 2023 ގަ އެހެވެ.
ނަމަވެސް ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭތީ އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ.
ތިނަދޫގެ އާބާދީ އަކީ މިހާރު 7،000 އެވެ.