Last Updated: June 6, 11:02
Saturday, June 6, 2026
ޚަބަރު

ނުރައްކާތެރިކޮށް ދުއްވުން ޖިނާއީ ކުށަކަށް، އަދަބުތައް ވެސް ބޮޑު

މަގުމަތީގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަށް ހަދައި، އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަަލަށް ލެވޭ ގޮތަށް "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

އެ ބިލް ހުށަހެޅީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ. އެނަ ހުށަހެޅުއްވި އެ ބިލުގެ (88) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން "އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް، ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ" ކުށެކެވެ. އަދު އެ މާއްދާގެ (ށ) ގައިވާ ގޮތުން އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެ އެވެ. ހަމައެއާ އެކު އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ވެސް ހުށަހަޅައިފަ އެވެ.

ބާރު ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ލިބޭ އަނިޔާ އަކީ ބޮޑު އަނިޔާއަކަށް ނުވިޔަސް ބިލުގައި ވަނީ ކުށްކުރާމީހާ 5-10 އަހަރާ ދެމެދުގެ މުއްދަތަކަށް ވެސް ޖަލަށް ލެވޭ ގޮތަށް ހިމަނައިފަ އެވެ. މީގެ އިތުރުން އެހެން ފަރާތަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމުގެ ސަބަބުން ހިނގާ ހާދިސާއެއްގައި މީހަކު މަރުވެއްޖެ ނަމަވެސް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް ބިލުގައި ކުށާއި އަދަބު ވަނީ ކަނޑައަޅައިފަ އެވެ. އަދި ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުން ވެސް ހިމަނާފައިވެ އެވެ.

މިހާރު އަމަލު ކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ކުރާނީ ހަމަ އެކަނި ޖުރިމަނާ އެވެ.

ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިފަދަ ބައެެއް ހާދިސާތަކުގައި މިހާތަނަށް އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވާ އިރު، ބައެއް މީހުން ނުކުޅެދޭ މީހުންނަށް ވެސް ވެފައިވެ އެވެ.