ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" މި އަހަރުގެ ޖޫންގައި ރިލީޒްކޮށް ދޭން އޭގެ އެއް އެކްޓަރު ރަންބީރް ކަޕޫރް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝޫޓިިން ބާރަށް ކުރިއަށްދާ މި ފިލްމުގެ އިތުރުން އަންނަ އަހަރު ރަންބީރްގެ އެހެން ވެސް ފިލްމެއް ވެސް އޮތީ ގެނެސްދޭން ތާވަލުކޮށްފަ އެވެ. އެއީ ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ "ރާމާޔަން" އެވެ. މީގެ ފުރަތަމަ ބައި އަންނަ އަހަރުގެ ދިވާލީގައި ގެނެސްދޭނެކަން އޮތީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ.
ދިވާލީ އަކީ އިންޑިއާގައި އޮކްޓޯބަރު މަހުގެ ފަހުކޮޅު ފާހަގަކުރާ ފެސްޓިވަލެކެވެ.
މިޑިއާތަކުން ބުނީ "ރާމާޔަން: ޕާޓް 1" ގެ ތާރީހަށް އެއްވެސް ބަދަލެއް ގެނައުމުގެ ފުރުސަތެއް ނެތުމާ އެކު ގާތްގާތުގައި ދެ ފިލްމެއް ރިލީޒްވާން ރަންބީރް ބޭނުން ނުވާތީ ޖޫންގައި "ލަވް އެންޑް ވޯ' ގެނެސްދޭން ބަންސާލީ ގާތު އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް ހަމަޖެހިއްޖެ ދެ ފިލްމު ސިނަމާތަކަށް އައުމާ ދޭތެރޭ ގާތްގަނޑަށް ހަތަރު މަހުގެ މުއްދަތެއް ލިބޭނެ އެވެ.
"ލަވް އެންޑް ވޯ" މިދިޔަ އަހަރުގެ ޖެނުއަރީގައި އިއުލާންކުރި އިރު، މި ފިލްމަކީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭ ގޮތަށް ތާވަލުކުރި ފިލްމެކެވެ. ނަމަވެސް އަންނަ އަހަރަށް ފިލްމު ފަސްކުރަން ޖެހުނީ ޝޫޓިން ފެށުން ލަސްވެ، ފިލްމުގެ މަސައްކަތް ދިގުލައިގެން ދިއުމާ ގުޅިގެންނެވެ.
"ލަވް އެންޑް ވޯ" އިއުލާންކުރި ފަހުން މިއާ ބެހޭ އިތުރު އެެއްވެސް މައުލޫމާތެއް ބަންސާލީ ނުދެ އެވެ. އެހެންވެ ސިނަމާތަކަށް ގެންނާނެ އިރެއް ވެސް އޮތީ ސާފު ނުވެ އެވެ. އެކަމަކު އަންނަ އަހަރުގެ މާޗްގައި ފިލްމު ރިލީޒްކޮށްފާނެކަމުގެ އަޑުތަކެއް ވެސް އެރި އެވެ. ނަމަވެސް އަ މަހުގެ ބޮޑު އެހެން ދެ ފިލްމެއް ވެސް ރިލީޒް ކުރަން ތާވަލުކޮށްގައި އޮތުމުން މާޗްގައި "ލަވް އެންޑް ވޯ" ބެލުންތެރިންނާ ހަމައަށް އައުމުގެ އެއްވެސް އުންމީދެއް ނެތެވެ.
އަނެއްކޮޅުން ފިލްމުގެ ޝޫޓިން އަދިވެސް ކުރިއަށްދާތީ އަހަރުގެ ކުރީކޮޅު މި ފިލްމު ސިނަމާތަކަށް އައުމުގެ ފުރުސަތެއް ނެތެވެ.
"ލަވް އެންޑް ވޯ" އަކީ ރަންބީރް ބޮލީވުޑަށް ތައާރަފުވި ބަންސާލީގެ 2007 ގެ "ސާވަރިއާ" އަށް ފަހު އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކާސްޓްގައި ރަންބީރްގެ އަންހެނުން އާލިއާ ބަޓާއި ވިކީ ކޯޝަލް ވެސް ވެސް ހިމެނެ އެވެ.
"ލަވް އެންޑް ވޯ" އަކީ އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ އާލިއާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.
ވަރަށް ގިނަ ބަޔަކު ތިބީ "ލަވް އެންޑް ވޯ" ގެނެސްދޭނެ ތާރީހެއްގެ އިންތިޒާރީގަ އެވެ.