އއ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހް ތިން މަހަށް ސަސްޕެންޑްކޮށްފި އެވެ.
ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނަ މިއަދު ސަސްޕެންޑްކުރީ ޝާހްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ސާބިތުވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމުމާ ގުޅިގެންނެވެ.
ފެރިދޫ ކައުންސިލް އިދާރާގައި މަސައްކަތްކުރި އެސިސްޓެންޓް ކައުންސިލް އޮފިސަރަކަށް ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ޓްރައިބިއުނަލުން ނިންމީ ސެޕްޓެމްބަރު 21، 2025 ގަ އެވެ. އެއާ އެކު، އެލްޖީއޭއިން އިންކުއަރީއެއް ހަދައި އެ އަށް ޖަވާބުދާރީ ވުމަށް ޝާހުއަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެ އިންކުއަރީން ފާހަގަވި ކަންކަން މިއަދު އާންމު ވެސް ކޮށްފައިވެ އެވެ.
އެލްޖީއޭއީން ނެރުނު ބަޔާނެއްގައި ބުނީ ޝާހުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅުމުން ގާނޫނުން ކައުންސިލްގެ ރައީސްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއާ ހިލާފުވެފައިވާކަން ކަށަވަރު ވެފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާ އެކު، ހާސިލްކުރަން އިހުލާސްތެރިކަމާއި ވަފާތެރިކަން މަތީގައި މަސައްކަތްކުރާ ބަޔަކަށްވުމާއި އަދި ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަން ޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ބަޔާން ކުރި ނަމަވެސް ޝާހުގެ ފަރާތުން ފެނުނު އަމަލުތައް އެ މާއްދާއާ ހިލާފުވެފައިވާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެހެންވެ އެލްޖީއޭގެ ބޯޑުން ބޭއްވި ބައްދަލުވުމުގައި ނިންމީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ޝާހު ތިން މަހަށް ސަސްޕެންޑް ކުރުމަށެވެ.