Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

މޫޑީޒްއިން ރާއްޖޭގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި

ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައިވާ ގޮތުން ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.

އޭގެ އިތުރުން، މިދިޔަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ސިޔާސަތުތަކާއެކު މިމަހުގެ ނުވައެއްގެ ނިޔަލަށް އެ އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައި ކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެއެވެ. އަދި މޫޑީޒްގެ ބަޔާނުގައި ވަނީ، ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ހަރަދުތައް ކޮންޓްރޯލްކޮށް މިއަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްފައެވެ.

މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއްނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލައި ދިހަ ޕަސަންޓުން ވަނީ އިތުރުވެފައެވެ. ހަމަ އެހެންމެ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 7.2 ޕަސަންޓު ވަނީ ކުރިއަރައިފައެވެ.

އަންނަ އަހަރުން ފެށިގެން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމައިފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވައިފައެވެ.

ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ ސީއޭއޭ2 ގެ ރޭޓިން ދަމަހައްޓާފައިވީ ނަމަވެސް، އަންނަ އަހަރު މެޗުއާ ވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށްވެސް ވަނީ ރާވައިފައެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތައް ބައްޓަންކޮށް، ތަންފީޒުކުރަމުން ގެންދާނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާއެކު މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ހާސިލުވާ ގޮތުގެ މަތިން ކަމަށެވެ.