ސަރުކާރުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިސާދީ މިސްރާބާއި މެދު އަލުން އިތުބާރު ބޮޑުކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ޒަޢާމަތުގައި، ބޭރުގެ ލިކުއިޑިޓީ ރަނގަޅުކޮށް، ޑޮލަރުގެ އާމްދަނީ އިތުރުކޮށް، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ހަރުދަނާކޮށް، ބަޖެޓް ހިންގުން ހަރުދަނާކުރެވިފައިވާ ކަމަށެވެ. މިފަދަ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދަށް އޮތް ފިއްތުންތައް ކުޑަވެ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އޮތް އިތުބާރު އަލުން އިއާދަވެގެން ގޮސްފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އަދި ސަރުކާރުގެ މައިގަނޑު ފޯކަސް ހުރީ މާލީ ހާލަތު ރަނގަޅުކޮށް، ޒިންމާދާރުކަމާއެކު ދަރަނި އަދާކުރުމުގެ ކަންކަން އިންތިޒާމްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްޤީ ކުރިއެރުވުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައިވާ ގޮތުން ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.
އޭގެ އިތުރުން، މިދިޔަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ސިޔާސަތުތަކާއެކު މިމަހުގެ ނުވައެއްގެ ނިޔަލަށް އެ އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައި ކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެއެވެ. އަދި މޫޑީޒްގެ ބަޔާނުގައި ވަނީ، ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ހަރަދުތައް ކޮންޓްރޯލްކޮށް މިއަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްފައެވެ.