Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ލާމަރުކަޒީ ނިޒާމު ބެލެހެއްޓުމުގެ މޭސްތިރިންނަކީ އެލްޖީއޭ

ލާމަރުކަޒީ ނިޒާމު ބެލެހެއްޓުމުގެ ޙަޤީޤީ މޭސްތިރިންނަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ކަމަށް އެ އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ 'ސްޓާފް ނައިޓް' ގައި މިރޭ ވާހަކަދައްކަމުން މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދާނަކުރުމަށް އެލްޖީއޭގެ މުވައްޒަފުން ކުރައްވާ މަސައްކަތާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. އެ އޮތޯރިޓީގެ މުވައްޒަފުންގެ ހީވާގިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެލްޖީއޭގެ މަސައްކަތުގެ ތެރެއިން އެ މަނިކުފާނަށްވެސް ގިނަ ކަންތައްތަކެއް ދަސްވެވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ބަލަދުވެރިކަން އެލްޖީއޭއިން ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވައި ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު ބެލެހެއްޓުމުގެ ޙަޤީޤީ މޭސްތިރިންނަކީ އެލްޖީއޭގައި މަސައްކަތް ކުރައްވާ ބޭފުޅުން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމަށް ޤާނޫނަށް ގެންނަ ބަދަލުތަކާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އިތުބާރެއް އެލްޖީއޭއަށް އެބައޮތްކަން ފާހަގަކުރެއްވި އެވެ.

"މިހާރު ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ އެކުގައި ވެސް މުޅި ނިޒާމުގެ މައްޗަށް އޮތް ހުރިހާ ބުރަދަނެއް، އިތުބާރާ ޔަޤީންކަމާއެކު އެ ދޫކޮށްލަވަނީ އެލްޖީއޭއަށް" މިނިސްޓަރު ވިދާޅުވި އެވެ.

ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު އެލްޖީއޭގެ މަސައްކަތްތައް އިތުރު ތިން ގިޔަރު ކުރިއަށް ޖައްސާލެއްވުމަށް މުވައްޒަފުންގެ އަރިހުން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.