Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ގެއްލުންވާ ގޮތަށް ހުންނަ ގަސްތައް ކެނޑުން ހުއްދަ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

މީހުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަހެއް ކަނޑާލުމަށް ނިންމުމާ ގުޅިގެން ތިމާވެށީގެ ހިމަޔާތުގައި އަޑުއުފުލާ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި އެ ރަށުގައި 300 ގަސް އިންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ޝަހީމް ވިދާޅުވީ އިސްލާމީ ޢާއްމު އުޞޫލުން ބަލާއިރު، މުޖުތަމަޢަށް ފައިދާވާގޮތަށް ހުންނަ ގަސްގަހާ ގެހި ކެނޑުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި ވަކިން ޚާއްޞަ ގޮތެއްގައި އެގަހަކުން އިންސާނުންނަށް ހިޔާ ނުވަތަ މޭވާ އާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާ ގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އިސްލާމް ދީން ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށެވެ. އަދި ހަނގުރާމައިގެ ޙާލަތުގައި ގަސްގަހާ ގެހި ކެނޑުމަކީ ވެސް މަނާކޮށްފައިވާ ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ނަމަވެސް މީސްތަކުންނަށް ގެއްލުންވާ ގޮތައް ހުންނަ ގަސްގަހާ ގެހި، ނުވަތަ ގެއްލުންވާ ގޮތައް ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަ ކަމެއް ކަމަށާއި އަދި އެއީ ސަވާބު ވެސް ހުރިކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ތިމާވެށި ރައްކާތެރިކުރުމަކީ ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމަކަށް ވީއިރު ވެސް، ޢާއްމު އުނދަގުލަކަށްވާ ގޮތަށް ނުވަތަ މީސްތަކުންގެ ގެއާއި ގެދޮރަށް ގެއްލުންވާ ގޮތައް ނުވަތަ ހިނގާ ބިނގާ އުޅޭ މީހުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާ ގެއްސާއި އެފަދަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކެނޑުމަކީ ކުރުން ޖާއިޒު ކަމެކެވެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ކީރިތި ރަސޫލާގެ ސުންނަތުން ވަަރިދުވެފައިވާ ހާދިސާއެއްގައިވާ ގޮތުން މީސްތަކުންނަށް ގެއްލުންވާ ގޮތަށް މަގުމަތީގައި ހުރި ގަހެއްގެ ގޮފި ކަނޑާލުމުން، (އެހެން ރިވާޔަތެއްގައިވާ ގޮތުން) ގެއްލުންވާ ގޮތަށް ހުރި ގަހެއް ކަނޑާލުމުން، މާތް ﷲ އެކަން ކުރިމީހާއަށް ރަހުމަތްލައްވައި އޭނާގެ ފާފަތައް ފުއްސަވައި ދެއްވި އެވެ. އަދި އިސްލާމީ ޝަރީޢަތުގެ އުޞޫލުތައް ބިނާވެގެންވަނީ ގެއްލުންތަކުން ސަލާމަތްކޮށް މީސްތަކުންގެ މަޞްލަޙަތު ދެމެހެއްޓުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން އެގަހެއް ދެމެހެއްޓުމާއި ނުދެމެހެއްޓުން ބިނާވެގެންވަނީ އެއިން ލިބޭ ފައިދާއާއި ގެއްލުމުގެ މައްޗަށް ކަމަށާއި އެއް ޒަމާނެއްގައި ފައިދާ ލިބޭ ގަހެއް، ފަހުން އެހެން މަޞްލަހަތަކާ ގުޅިގެން ކަނޑާލަން ޖެހިދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް ޢާއްމު އުނދަގުލަކަށް ނުވާ ގޮތަށް ހުންނަ ގަސްގަހާ ގެހި ބަލަހައްޓައި އެއަށް ރައްކާތެރިކަން ދިނުމަކީ އިސްލާމް ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމެއްކަން ޝަހީމް ފާހަގަކުރެއްވި އެވެ.

ޝަހީމް ވިދާޅުވީ ގަސް އިންދުމާއި ގަސްތައް އިތުރުކުރުމާއި ވަކިން ޚާއްޞަކޮށް މޭވާއާއި ހިޔާ ލިބޭ ގަސްގަހާ ގެހި ގިނަ ކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ވަރަށް މުހިންމު ކަމެއް ކަމަށާއި އެއްވެސް ސަބަބަކާ ނުލައި ހިޔާ ލިބޭ ގަހެއް ކަނޑައިލުމަކީ ފާފަވެރިވެދާނެ ކަމެއް ކަމަށެވެ.

"ޚުލާޞާ އަކީ، މީސްތަކުންނަށް ގެއްލުން ނުވާ ގޮތައް ހުންނަ ގަސްތައް ދެމެހެއްޓުމަކީ މުހިންމު ކަމެއް. ގެއްލުން ލިބޭ ނަމަ، އިސްކުރަން ޖެހޭނީ އިންސާނުންގެ މަޞްލަޙަތު. އެގަސް ކަނޑާލަންޖެހޭނެ. އެންމެ މާތް މަޚްލޫޤަކީ އިންސާނާ،" ޝަހީމް ވިދާޅުވި އެވެ.