Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ހުރިހާ އިނާޔަތެއް ކެނޑިޔަސް ވަރިހަމަ، ގެއްލުމެއް ނުވާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންއެފް

ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭ ހުރިހާ އިނާޔަތެއް ކެނޑިޔަސް މައްސަލައެއް ނެތް ކަމަށާއި އޭގެއިން އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ހުށަހަޅާފަ އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައު އަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރުމަށްޓަކާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކާ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ވަނީ ހުށަހަޅާފަ އެވެ.

މި އިސްލާހާއި ގުޅިގެން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ބަހުގެ ހޫނު ހަމަލާތަކެއް ޔާމީނަށް އަމާޒުކޮށްފައިވާއިރު، އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ރައީސްކަމުން ވަކިވިތާ 7 އަހަރު ވެފައިވާއިރު، އޮފީސް ހިންގަން ސަރުކާރު ބަޖެޓުން ލޯ ލާރިއެއް ވެސް ނަގާފައި ނޯންނާނެ ކަމަށެވެ.

އަދި ބޭސް ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު، އަދި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް އާސަންދައަށް ބިލު ފޮނުވާފައި ނޯންނާނެ ކަމަށާއި މިފަދަ ވާހަކަތަކައް ދެއްކުމުން ބޭލޭނީ އަމިއްލަ ސޯޓު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ހުރިހާ އެއްޗެއް ކަނޑާ. ހުރިހާ އެއްޗެއް ކެނޑިޔަސް ތިއަކުން އަޅުގަނޑަކަށް ވާނެ ގެއްލުމެއް ނޯންނާނެ. ތިއިން ގެއްލުން ވަންޏާ ވާނީ، ފަހުން މި މީހުންގެ ރައީސް ވަކިވީމަ، އެ ފަކީރަށް ގެއްލުން ވާނީ. އަޅުގަނޑަކަށް ގެއްލުން ވާނެ ކަމެއް މިއަކު ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.