ކީރިތި ޤުރްއާން ކިޔެވުމުގައި ރިވެތި އަޑުން ކީރިތި ޤުރްއާން ކިޔެވުމަކީ އިސްލާމްދީނުގައި އެކަމަށް ބާރުއަޅުއްވާފައިވާ މުސްތަޙައްބު ކަމެކެވެ. އެކަމަށް ބާރުއަޅުއްވާފައިވާ ނައްޞުތަކުގެ ތެރޭގައި އަންނަނިވި ޙަދީޘް ހިމެނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ) رواه النسائي (1015)، وأبو داود (1468)، وصححه الألباني .މާނައީ: "ތިޔަބައިމީހުންގެ އަޑުތަކުން (ރިވެތި އަޑުން ކިޔަވައިގެން) ކީރިތި ޤުރްއާން ޒީނަތްތެރި ކުރާށެވެ."
عَنْ أَبِي مُوسَى الأَشْعَرِيِّ ، قَالَ : اسْتَمَعَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قِرَاءَتِي مِنَ اللَّيْلِ ، فَلَمَّا أَصْبَحْتُ ، قَالَ : يَا أَبَا مُوسَى ، اسْتَمَعْتُ قِرَاءَتَكَ اللَّيْلَة، َ لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ. قُلْتُ : يَا رَسُولَ اللَّهِ ، لَوْ عَلِمْتُ مَكَانَكَ ، لَحَبَّرْتُه لَكَ تَحْبِيرًا. رواه النسائي في السنن الكبرى (7/273) ، وابن حبان في صحيحه (16/169)، والبيهقي في سننه (3/12) ، وصححه الألباني (3532)
އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ މޫސާ ވިދާޅުވިއެވެ. ރޭގަނޑެއްގައި އަހަރެން ކީރިތި ޤުރުއާން ކިޔަވާ އަޑު ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ އެއްސެވި އެވެ. ހެނދުނުވީ ހިނދު އެކަލޭގެފާނު އަހަރެންނަށް ޙަދީޘް ކުރެއްވި އެވެ.
"އޭ އަބޫ މޫސާއެވެ! ތިމަންކަލޭގެފާނު ރޭގައި ތިބާގެ ކީރިތިޤުރުއާން ކިޔެވުމުގެ އަޑު އެއްސެވީމެވެ. ހަމަކަށަވަރުން ދާއޫދުގެ ފާނަށް ދެއްވިގެންވީ ފަދަ ރިވެތިއަޑެއް ތިބާޔަށް ދެއްވިގެންވެ އެވެ."
އަހަރެން ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު އެތާނގައި ހުންނެވިކަން އަހަރެންނަށް އެނގުނުނަމަ ކަލޭގެފާނު އަޑު އެއްސެވުމަށްޓަކައި އަހަރެންގެއަޑު އެއަށް ވުރެ ރީތިކޮށްލީމުހެވެ."
މިފަދަ އެތައް ނައްޞުތަކުން އެނގޭ ގޮތުގައި ކީރިތި ޤުރްއާން ކިޔެވުމަށްޓަކައި، އަޑު ރީތިކުރުމަށް ބާރުއަޅުއްވާފައިވުމާ އެކު، ކީރިތި ޤުރްއާން ކިޔެވުމާއި ބަންގި ގޮވުންފަދަ ޚުޠުބާ ކިޔުން ފަދަ ކަންކަން ރީތިކޮށް ކުރުމަށްޓަކައި އަޑު ރީތިކޮށް ތަމްރީނުތައް ހެދުމަކީ އޭގެ ޒާތުގައި ހުއްދަ އަދި އެދެވިގެންވާ ކަމެކެވެ. އެކަމަކު އެކަންކަން ކުރަންވާނީ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ މިއުޒިކު އާލާތްތައް ފަދަ ތަކެތީގެ ބޭނުން ނުކޮށެވެ.
މިއުޒި ކުކުޅޭ ސާމާނު ބޭނުންކޮށްގެން ވޮއިސްޓްރެއިނިން ހަދާނަ މަ އޭގައި ބައިވެރިވުން ހުއްދަވެގެނެއް ނުވެ އެވެ. އަދި ލަވަކިޔާ ރާގަށް ކީރިތި ޤުރްއާން ކިޔެވުމާއި، ކީރިތި ޤުރްއާން ކިޔެވުމުގައި އަކުރުތަކުގެ ފިލިތަކާއި، ސުކުންތަކާއި މައްދުތަކަށް ބަދަލު އަންނަ ގޮތަށް ފާޑުފާޑުގެ ރާގުތަކަށް ކީރިތި ޤުރްއާން ކިޔެވުމަކީ ހުއްދަކަމެއް ނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ.
އެހެނީ އެފަދަ ކަންކަން އެގޮތަށް ކުރުމުގެ ސަބަބުން ކީރިތި ޤުރްއާން އެކި ރާގުތަކަށް ކިޔެވުމުގެ ޖާދޫގެ މައްޗަށް މީސްތަކުން ލެނބި، އޭގެ މާނައާއި އޭގެ އާޔަތްތަކާ މެދު ވިސްނާ ފިކުރު ކުރުމުން މީސްތަކުން ޣާފިލުވެގެން އެބަދެ އެވެ. والله أعلم
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.