Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދިއްދޫ އިސްލާމީ މަރުކަޒުގައި ހުކުރު ކުރާނީ ޝަހީމު

ހއ. ދިއްދޫ އިސްލާމީ މަރުކަޒު މިއަދުގެ ހުކުރު ނަމާދަށް ރަސްމީކޮށް ހުޅުވާ އިރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އިމާމުވެ ހުކުރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ފާހިޝް އަމަލުތަކާ ދުރުވުން" އެވެ.

ދިއްދޫ އިސްލާމިކް މިއަދު ހުޅުވަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ކޮށް ނިންމައިފަ އެވެ. މިތަން ބިނާކޮށްފައި ވަނީ އެ ރަށުގައި ހިއްކި ބިމުގައި އަލަށް އާބާދުވަމުން އަންނަ ސަރަހައްދުގަ އެވެ.

ދިއްދޫ އިސްލާމީ މަރުކަޒަށް ނަން ދީފައި ވަނީ ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އޭރު މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށެވެ. އޭނަ އަކީ ދިއްދު އަށް ނިސްބަތްވާ ބޭފުޅެކެވެ.

ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މި އިސްލާމީ މަރުކަޒުގައި އިސްލާމީ ލައިބްރަރީ އާއި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ ހިދުމަތް ވެސް ފަށާނެ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އެ ސެންޓަރު ހުޅުވާނީ މި ރެ އެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ހެދީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ހަވާލުކޮށްގެންނެވެ. ޖުމްލަ 50 މިލިއަން ރުފިޔާގެ މި މަޝްރޫއު އަކީ 1،500 މީހުންނަށް ނަމާދު ކުރެވޭ ޖާގައާއެކު ބިނާކޮށްފައިވާ ތަނެކެވެ. އެތަނުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސްރޫމް ވެސް ހަދާފައިވެ އެވެ. އަދި ދެ ސެމިނާ ރޫމާއި އޮފީސް ޖާގައެއް ވެސް ހިމެނެ އެވެ.