Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

މި ސަރުކާރުން ދިވެހިންގެ ވިޔަފާރިތައް ބާރުވެރިކުރުވާނެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ޤާނޫނާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އެދި އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިޢުލާނާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިގޮތުން މިނިސްޓަރު ވިދާޅުވީ މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ މި ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

މީގެ އިތުރުން 1979 ގައި ހެދިފައި އޮތް ފޮރިން އިންވެސްޓްމަންޓް ޤާނޫނު، 46 އަހަރަށް ފަހު ނިމުމަކަށް ގެނެސް، މިޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ޙައްލުކުރެވޭނެ ހަރުދަނާ ޤާނޫނެއް މުޅީން އަލަށް އެކުލަވާލައި، ފާސްކޮށް، ގެޒެޓުކުރެވި ޢަމަލުކުރަން ފެށިފައިވުމަކީ، ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެ"، މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިކަމުގައި ތަންފީޒީ އިދާރާތަކާއި، ވަކީން ޚާއްސަކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

"ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުން ފަސޭހަކޮށް، އެކަމަށް ޚާއްޞަކުރި ލިންކު މި އިޢުލާނާ އެކުގަައި އެ ވަނީ. މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން. ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުޞަތު ނުދިނުމަށް، އަދި ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެން"، ސައީދު ވިދާޅުވި އެވެ.