Last Updated: July 6, 21:47
Monday, July 6, 2026
ދުނިޔެ

މޫސުން ގޯސްވެ ލަންކާ ރެޑް އެލާޓަށް

ސްރީ ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ލަންކާއަށް ރެޑް އެލާޓް ނެރެފި އެވެ.

ތޫފާން "ދީތުވާ" ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާއާ ގާތްވެފައިވާއިރު، ލަންކާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ބާރުވެ، ކަނޑުތައް ގަދަވެ އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

މި ހާދިސާތަކުގައި މިހާތަނަށް 47 މީހަކު މަރުވެ، 21 މީހަކު ވަނީ ގެއްލިފަ އެވެ. ވިއްސާރައިގެ އަސަރު ލަންކާގެ 17 ޑިސްޓްރިކްޓަކަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފަ އެވެ.

ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާލުގައި ޖެހުނު މީހުންނަން އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ލަންކާއިން ވަނީ ކަނޑައަޅާފަ އެވެ. އަދި މޫސުން ގޯސްވެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓުތައް ނުޖެއްސޭ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި އެކަމަށް ވެސް ވަނީ ތައްޔާރުވެފަ އެވެ.