މިހާރު ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ އެކްޓަރު ޓައިގާ ޝްރޮފަށް އަނެއްކާ ވެސް އާ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.
މީޑިއާތަކުން ބުނީ މި ފަހަރު އޭނަ އަށް ފުރުސަތު ލިބުނީ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީގެ ފިލްމަކުން ކަމަށެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި އޭނަ ޓައިގާ އަށް ހުށަހެޅީ އެކްޝަން ޑްރާމާއެކެވެ. އަދި މިލަޕް ނެރޭޓްކޮށް ދިން ސްކްރިޕްޓް ޓައިގާ ކަމުވެސް ގޮސްފައިވާތީ އެއަށް ސޮއިކުރާނެކަމުގެ ފެހި ސިގްނަލް ވެސް ވަރުވަދަ އެކްޝަން ތަރިއެެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޓައިގާ ދީފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
ޕިންކްވިލާ އިން ބުނީ މިލަޕްގެ މި ފިލްމުގެ ޝޫޓިން ފަށަން ޕްލޭން ކުރަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. މި ފިލްމު ވާނީ މިލަޕްއާ އެކު ޓައިގާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.
މިލަޕް އަކީ މިހާރު އިންޑިއާގެ ސިނަމާތަކުގައި ދައްކަމުން އަންނަ އެޑަލްޓް ކޮމެޑީ "މަސްތީ 4" ގެ ޑައިރެކްޓަރެވެ. ދާދި ފަހުން ރިލީޒްކޮށް، ބެލުންތެރިންގެ ފުދޭ ވަރެއްގެ ބޮޑު ތަރުހީބެއް ލިބުނު ލޯބީގެ ފިލްމު "އޭކް ދީވާނޭ ކީ ދީވާނީޔަތު" އަކީ ވެސް އޭނަގެ ފިލްމެކެވެ.
ޖޯން އަބްރަހަމްގެ 2018 ގެ ކާމިޔާބު އެކްޝަން ފިލްމު "ސަތިއަމޭވް ޖަޔަތޭ" އަކީ ވެސް މިލަޕް ގެނެސްދިން ފިލްމެކެވެ.
އޭނަގެ ފިލްމެއް ޓައިގާ އަށް ހުށަހެޅި އިރު، މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅުގެ އަތުގައި މި ވަގުތު ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު ރާމް މަދުވާނީގެ ސްޕިރިޗްއަކް އެކްޝަން ތުރިލާއަކާއި ދެކުނު ޕްރޮޑިއުސަރު ދިލް ރާޖޫގެ މިއުޒިކަލް އެކްޝަން ފިލްމެއްގެ އިތުރުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް އެކްޝަން ތުރިލާ "ލަގް ޖާ ގަލޭ" ހިމެނެ އެވެ.
ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ ސެޕްޓެބްބަރުގައި ގެނެސްދިން އެނަގެ "ބާގީ" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ.