Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ހިތަދޫ ގިރާ ސަރަހައްދުގެ ބާކީ މަސައްކަތް ފަށަނީ

އައްޑޫ ހިތަދޫ ހުޅަނގު ފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރަން ފެށި މަސައްކަތުގެ ތެރެއިން ނުނިމި ހުރި ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީންކަން އެ މަޝްރޫއުގެ ކޮންޓްރެެކްޓަރު އެމްޓީސީސީން ދީފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސިނާނު ވިދާޅުވެއްޖެ އެވެ.

އޭނަ އެކަން ހިއްސާކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.

ސިނާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އޭނަގެ ދާއިރާގެ ރައްޔިތުންގެ އެދުމުގެ މަތިން ހުއްޓިފައިފާ ހިތަދޫ އުތުރު ދާއިރާގެ ޝޯ ޕުރޮޓެކްޝަންގެ މަސައްކަތް ކުރިއަށް ގެންދިއުގެ ގޮތުން، އެމްޓީސީސީގެ އެމްޑީއަ ބައްދަލުކޮށް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

"އެމްޑީ ދެއްވި ޔަގީންކަމަކީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނުނިމި ހުރިތާގައި ހިލަ ޖެއްސުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް." މެންބަރު ވިދާޅުވި އެވެ.

ހިތަދޫ ގިރާ ސަރަހައްދު ހިމާޔާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކުރީގެ ސަރުކާރުން ނޮވެމްބަރު 25، 2021 ގަ އެވެ. އެއީ އޭރު އެ ކުންފުނީގެ އެމްޑީއަކަށް މާލޭގެ މިހާރުގެެ މޭޔަރު އާޒިން ހުންނަވަނިކޮށެވެ. އެމްޓީސީސީއާ އޭރު ހަވާލުކުރީ ހުޅަނގުފަރާތުން 570 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމަންޓެއް ޤާއިމް ކުރުމާއި، 75 މީޓަރުގެ ސަރަޙައްދެއް ފުންކޮށް މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރުމުގެ އިތުރުން 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމު ކުރުމަށެވެ.

އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 11.6 މިލިއަން ރުފިޔާއަށެވެ.

ހިތަދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ އޮކްޓޯބަރު 5، 2022 ގަ އެވެ.