ވިހޭތާ ފަސް ވަރަކަށް މަސް ފަހުން ބޮލީވުޑްގެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީގެ ދަރިފުޅުގެ ނަން މިއަދު އިއުލާންކޮށްފި އެވެ.
ދެމަފިރިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަލަތު އަންހެން ދަރިފުޅުގެ ފައި ފެންނަ ފޮޓޯއަކާ ބުނެފައި ވަނީ ދަރިފުޅުގެ ނަމަކީ ސަރާޔާ މަލްއުތުރާ ކަމަށެވެ. ކިއާރާ ވިހެއީ ޖުލައި މަހުގެ 16 އެވެ.
އެކީގައި 2021 ގެ ކާމިޔާބު ފިލްމު "ޝޭރްޝާ" ވެސް ކުޅުނު ސިދާތާއި ކިއާރާ ކައިވެނިކުރީ 2023 ގަ އެވެ.
ބޮލީވުޑްގެ މިހާރު އެންމެ މަގުބޫލު ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި ރިތިކް ރޯޝަންގެ "ވޯ 2" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރުގެ މާޗްގައި ގެނެސްދޭން ހަމަޖެހިފައިވާ "ކޭޖީއެފް" ގެ ތަރި ޔާޝްގެ "ޓޮކްސިކް" އިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަޔަކަށްވި ފަހުން ކިއާރާ ކުޅޭނެ ފުރަތަމަ ފިލްމަކީ "ހިޗްކީ" ގެ ޑައިރެކްޓަރު ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ކަމަލް އޯރް މީނާ" އެވެ.
އޭގައި ކިއާރާ ކުޅޭނީ ކުރީގެ މަޝްހޫރު ބަތަލާ މީނާ ކުމާރީގެ ރޯލެވެ.
ސިދާތު އެންމެ ފަހުން ފެނިފައި ވަނީ ޖާންވީ ކަޕޫރާ އެކު ކުޅެ، މިދިޔަ ސެޕްޓެމްބަރުގައި ގެނެސްދިން "ޕަރަމް ސުންދަރީ" އިންނެވެ. އޭނަ މިހާރު އަންނަނީ އެކްތާ ކަޕޫރް ޕްރޮޑިއުސް ކުރާ، ހުރާފީ ބިރުވެރި ފިލްމު "ވަން" ގައި ތަމަންނާ ބާޓިއާއާ އެކު މަސައްކަތް ކުރަމުންނެވެ.