Last Updated: July 7, 02:45
Monday, July 6, 2026
ޚަބަރު

ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ބިނާކުރި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި އެވެ.

އިސްލާމީ މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މި އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3 ގެ ޢުދުވާނުގައި ޝަހީދުވެވަޑައިގެންނެވި ހއ. ދިއްދު އަށް ނިސްބަތްވެލައްވާ ޝަހީދު ޢުމަރު އަޙްމަދުގެ ނަމުންނެވެ.

މަސްޖިދު ޝަހީދު ޢުމަރު އަޙްމަދުގެ ނަމުން މި މިސްކިތަށް ނަންދެއްވީ، ޝަހީދު ޢުމަރު އަޙްމަދަކީ އެ ހަމާލަގައި ޝަހީދުވަޑައިގެންނެވިއިރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކަށްވީތީ އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ހއ. ދިއްދޫ އިސްލާމީ މަރުކަޒަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރެވިފައިވާ އިސްލާމީ މަރުކަޒެކެވެ. އެގޮތުން މި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން އިސްލާމީ ކުތުބުޚާނާއާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި މަލްޓިޕާޕޮސް ހޯލަކާއި، 1 ސެމިނަރ ރޫމް އަދި އިދާރީ އޮފީސް ބައެއް ހިމެނެ އެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ ހުރިހާ ވަސީލަތެއް ޤާއިމްކޮށް ފުރިހަމަ ކުރުމަށްފަހުގަ އެވެ. އިސްލާމީ މަރުކަޒުގެ ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ލިފްޓުވެސް ހަރުކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ.