ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސް އެ ގައުމަށް 24 ގަޑިއިރު ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އުރީދޫން ބުނީ މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ.
މިގޮތުން ކުރިއަށް އޮތް 24 ގަޑިއިރަށް ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު މުޅިން ހިލޭ ކަސްޓަމަރުންނަށް ލަންކާއަށް ގުޅޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
"އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބުން،"، އުރީދޫން ބުންޏެވެ.
ތޫފާން "ދީތުވާ" ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާއާ ގާތްވެފައިވާއިރު، ލަންކާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ބާރުވެ، ކަނޑުތައް ގަދަވެ އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ.
މި ހާދިސާތަކުގައި މިހާތަނަށް 47 މީހަކު މަރުވެ، 21 މީހަކު ވަނީ ގެއްލިފަ އެވެ. ވިއްސާރައިގެ އަސަރު ލަންކާގެ 17 ޑިސްޓްރިކްޓަކަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ރެޑް އެލާޓް ނެރެފަ އެވެ.