މިދިޔަ ހަފުތާގައި މަރުވި އިންޑިއާގެ ފިލްމީ ތަރި، ދަރުމެންދުރާ އާއި އޭނަގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލް އެކީގައި ކުޅުނު ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "އަޕްނޭ" ގެ ދެވަނަ ބައި އިއުލާންކޮށްފައި ވަނިކޮށް، ދަރޭ މިހާރު މަރުވެފައިވާތީ އެ ފިލްމު ދެން ނަހަދާނެ ކަމަށް ޑައިރެކްޓަރު އަނިިލް ޝަރުމާ ބުނުމާ ގުޅިގެން ޕްރޮޑިއުސަރު ދީޕަކް ނުރުހުން ފާޅުކޮށް ރައްދު ދީފި އެވެ.
"އަޕްނޭ" އަކީ 2007 ގައި ރިލީޒްކުރި ފިލްމެކެވެ. މީގެ ދެވަނަ ބައި ހަދާނެކަން އިއުލާންކުރީ 2020 ގަ އެވެ. އޭރު ނިންމީ 2021 ގައި "އަޕްނޭ 2" ސިނަމާތަކަސް ވެސް ގެންނާާށެވެ. ފިލްމު އިއުލާންކުރީ ދަރޭގެ ކާފަ ދަރިއެއް ކަމަށްވާ ސަނީގެ ދޮށީ ދަރިފުޅު، ކަރަން ޑިއޯލް ވެސް ކާސްޓްގައި ހިމެނޭ ގޮތަށެވެ.
ނަމަވެސް "އަޕްނޭ 2" ގެ މަސައްކަތް މަޑުޖައްސާލީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ.
މި މަހުގެ 24 ގައި ދަރޭ މަރުވުމާ ގުޅިގެން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައ އަނިލް ބުނެފައި ވަނީ "އަޕްނޭ 2" ހެދުމުގެ ފުރުސަތެއް ދެން ނެތް ކަމަށެވެ. އޭނަ ބުނީ ދަރޭއާ ނުލައި އޭގެ ވާހަކަ ވެސް ފުރިހަމަ ނުވާނެ އޭނަ އަކީ އެ ވާހަކައިގެ ހިތް ކަމަށެވެ.
އެހެންވެ ދަރޭއާ ނުލައި "އަޕްނޭ 2" ހެދުމުގެ މާނައެއް ވެސް ނެތް ކަމަށް އަނިލް ބުންޏެވެ.
އޭނަގެ މި ވާހަކަ އަށް ރައްދު ދީ ޕްރޮޑިއުސަރު މީޑިއާތަކަށް ބުނީ ފިލްމު ހެދުމާއި ނުހެދުމުގެ ވާހަކަ ދެއްކުމުގެ ހައްގެއް އަނިލް އަށް ނޯންނާނެ ކަމަށެވެ. އެހެންވެ "އަޕްނޭ 2" ނަހަދާނެ ކަމަށް އޭނަ ބުނި ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ދީޕަކް ބުންޏެވެ.
"ހަމަ ޔަގީނުން ވެސް އަހަރެމެން އަޕްނޭ ދޭއް ހަދާނަން. މިއީ ސީދާ އަހަންނާއި ސަނީއާ ގުޅޭ ކަމެއް. ފިލްމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ސަނީއާ ބައްދަލު ވެސް ކުރާނަން." އޭނަ ބުންޏެވެ.
ދީޕަކް ބުނި ގޮތުގައި "އަޕްނޭ 2" 2020 ގެ ޑިސެމްބަރުގައި އިއުލާންކުރި ފަހުން މިހާތަނަށް އޭގެ ސްކްރިޕްޓް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް އައީ ކުރަމުންނެވެ. އެކަމަކު މިހާރު ދަރޭ ދުނިޔޭގައި ނެތުމުން ދެން އެ ފިލްމު ނަހަދާނެ ކަމަށް ބުނެ އަނިލް ދެއްކި ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ބުންޏެވެ.
"އެހެންވެ ފިލްމަށް އެހެން ޑައިރެކްޓަރަކު ވެސް ހޯދަން ޖެހިދާނެ. އަނިލް ފިލްމު ޑައިރެކްޓް ނުކުރާނެއެކޭ އަހަރެން ބުނާކަށް ބޭނުމެއް ނޫން،" ދީޕިކް ބުންޏެވެ. "މީގައި މުހިއްމު ކަމަކީ އަޕްނޭ ދޭއް ހެދުން. އަދި މިއީ ޑިއޯލް އާއިލާގެ ވަރަށް ހާއްސަ ޕްރޮޖެކްޓެއް."
ސަނީއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަނިލް އަކީ އޭނަގެ ކެރިއަރުގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނޭ "ގަދަރު" އާއި "ގަދަރު 2" ގެ ވެސް ޑައިރެކްޓަރެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "އަޕްނޭ" އަކީ އޮލިމްޕިކްސްގައި ބޮކްސިން އިން މެޑަލް ހޯދާފައިވާ ކުޅުންތެރިޔަކު (ދަރޭ) ފަހުން ވާދަކުރާ މުބާރާތެއްގައި މަނާ ބޭހެއް ބޭނުންކުރިކަމުގެ ތުހުމަތުގައި މުބާރާތުން ވަކިވާން ޖެހި، ކުޅިވަރާ ދުރަށް ދާން ޖެހުމުން އެ ކުޅިވަރުން އޭނަގެ ދެ ދަރިން (ސަނީ) އާއި (ބޮބީ) ކުރިއަރުވަން ކުރާ މަސައްކަތް ދައްކުވައި ދިން ވަރަށް ޖަޒުބާތީ ސްޕޯޓްސް ޑްރާމާއެކެވެ.
ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނޭ އެ ފިލްމުގެ ރޯލުތަކެއް ޝިލްޕާ ޝެޓީ އާއި ކެޓްރީނާ ކައިފް އަދި ކިރަން ކޭރް ވެސް ކުޅުނެވެ.