Last Updated: July 7, 02:45
Monday, July 6, 2026
ޚަބަރު

ރޯދައިގެ ކުރިން 15 މިސްކިތެއް ހުޅުވަނީ

އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން 15 މިސްކިތެއް ހުޅުވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ގާއިމުކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށެވެ. މިގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިމި ރަމަޟާން މަހުގެ ކުރިން ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭނެ ކަމަށާއި އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ވެެސް އަންނަ މަހު ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަޤުޞަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ޤާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.