ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށެވެ. އޭނަގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އައީ 2021 ގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ނަޝީދަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގެ އިތުރުން، ފުލުހުންގެ ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި ވެސް ޔާފިސް ނަޝީދު އަވަހާރަކޮށްލަން ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލައިގައި އޭނަގެ މައްޗަށް ތިން ދައުވާއެއް އުފުލި އެވެ. އެއީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ހަމަލާއެއް ހިންގާނެކަމުގެ އިންޒާރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރި މައްސަލައިގައި ޔާފިސް މައްޗަށް ދެ އަހަރުގެ ހުކުމެއް އިއްވި އިރު، ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިން މައްސަލައިގައި އިއްވީ ތިން އަހަރުގެ ހުކުމެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިން މައްސަލައިގައި އިއްވީ ފަސް އަހަރުގެ ހުކުމެކެވެ.