Last Updated: May 2, 06:04
Friday, May 2, 2025
ޚަބަރު

ކާނަލް ނާޒިމްގެ މައްސަލައިގައި ކެޕްޓަން އިހްސާން ހެކި ބަސްދީފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުޙައްމަދު ނާޒިމްގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ޝަރީޢަތުގެ މިއަދުގެ އަޑުއެހުމުގައި އެމްއެންޑީއެފްގެ ކެޕްޓަން އިހްސާން އަލީ ހެކި ބަސް ދީފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

އިހްސާން އަލީ ހެކި ބަސް ދިނުމަށް ފަހު ކޯޓުން ނިކުތް މަންޒަރު އެ ސަރަހައްދުގައި ތިބި ބައެއް ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.

އިހްސާން އަލީގެ އިތުރުން ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ޕެންޑްރައިވްގެ އެނަލަސިސް ހެދި ސަބް އިންސްޕެކްޓާރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމް ވެސް ވަނީ ހާޒިރުކޮށްފައެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމަށް ހާޒިރުކޮށް އެބޭފުޅުންގެ ހެކިބަސް ނަގާފައިވާއިރު، ކްރިމިނަލް ކޯޓުގައި ނާޒިމްގެ ފަރާތުން ހުށަހެޅި 51 ހެކީގެ ތެރެއިން އެ ކޯޓަށް ހާޒިރު ކޮށްފައިވަނީ އެންމެ 3 ހެކިން ކަން ފާހަގަކޮށްލެވެއެެވެ.

ހައިކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑު މުޙައްމަދު ނާޒިމްގެ އިސްތިއުނާފު އަޑުއެހުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅި ބައެއް ހެކީން ހާޒިރު ކުރަން ހައި ކޯޓުން ނިންމާފައިވަނީ އިއްޔެ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމުގައެވެ.

ނާޒިމްގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.