އަންހެނަކާ ފިރިހެނަކު ކައިވެނިކޮށްގެން ރަނގަޅު ދިރިއުޅުމެއް އުޅެމުން ދަނިކޮށް، އެ ދެމަފިރިންގެ ކައިވެނީގެ ކަންކަމުގެ ތެރެއަށް މައިންބަފައިން ވަދެ، ގޮތް ކިޔައި، ނުފޫޒު ފޯރުވައި ހެދުމަކީ އެއީ ރަނގަޅު ކަމެއް ނޫނެވެ. ޚާއްޞަކޮށް ހަމަޖެހޭ ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ދެމަފިރިން ވޭތުކުރަމުންދާ ނަމަ އެވެ.
މިއާ ޚިލާފަށް އަނބިމީހާގެ ޙައްޤުތައް އާދާ ނުކުރެވި، އަނބިމީހާ އަށް ކައިވެނީގެ ސަބަބުން ގެއްލުން ލިބި، އަނިޔާ ލިބި، އުފާވެރި ދިރިއުޅުމެއް ނުލިބި، ހިތާމައާއި ހިތްދަތިކަމުގައި އުޅެމުންދާ ނަމަ، އަނބިމީހާގެ ދީންވެރިކަން ނުނެގެހެއްޓި، އަނބިމީހާގެ ދީންވެރިކަން ގެއްލި، އިސްލާމްދީނާ ރިވެތި އަދަބު އަޚްލާޤާ ޚިލާފު ކަންކަން އަނބިމީހާ ކުރުމަށް ފިރިމީހާ މަޖްބޫރު ކުރުވަމުން ދާނަމަ، މިފަދަ ޙާލަތެއްގައި އަނބިމީހާ އަށް ކުރިމަތިވެފައިމިވާ ދަތި އުނދަގޫތަކުން އަނބިމީހާ ސަލާމަތްކޮށް ދިނުމަށްޓަކައި އޭނާގެ މައިންބަފައިންނަށް އޭނާ ކައިވެނި މަތީގައި ދެމި ނުހުރުމަށް އޭނާއަށް އެގޮތަށް މަޝްވަރާ ދެވިދާނެ އެވެ. އެކަމަކު އެކަން އެގޮތަށް ކުރަން ވާނީ ފިރި މީހާއަށް ނަޞީޙަތްތެރިވުމަށް ފަހުގަ އެވެ. އަދި އަންބެއްގެ ފަރާތުން އެފަދަ ކަންކަން ފެންނަނަމަވެސް މައިންބަފައިން، ކައިވެނި ރޫޅާލުމަށް ބުނާނަމަ އެކަމަށް ފިރިމީހާއަށް ރިޢާޔަތްކުރަންވާނެއެވެ.
އެކަމަކު، އަނބިމީހާގެ ފަރާތުން، ނުވަތަ ފިރިމީހާގެ ފަރާތުން ފެންނަ، ކުދި ކުދި ކަންތައްތަކާއި، އޭނާގެ މިޖާޒުގައި ހުންނަ ކަންކަމާއި، އޭނާގެ މާޒީގައި ހިނގާފައިވާ މިހާރު ތައުބާވެފައިވާ ކަންކަން ޢުޒުރަކަށް ހަދައި، ދެމަފިރީންގެ ކައިވެނީގެ ތެރެއަށް މައިންބަފައިން ވަދެ، ގޮތްކިޔައި، ކައިވެނި ރޫޅާލަން އެންގުމަކީ އެއީ ދީނީގޮތުން އެމީހުންނަށް އޮތް ޙައްޤެއް ނޫނެވެ.
ކައިވެންޏަށް ފަހު، ކައިވެނީގެ ކަންކަމުގައި މަޝްވަރާކޮށް، ގޮތްކިޔައި ގޮތްނިންމައި ހަދާނީ ދެމަފިރީންނެވެ. މައިންބަފައިންނެއް ނޫނެވެ. އެހެންކަމުން ކަމެއް ދިމާވާ ކޮންމެ ފަހަރަކު މަންމަ ބުނީތީ، ނުވަތަ ބައްޕަ ބުނީތީ ވަރިވާ އުޞޫލު، ވަރިކުރާ އުޞޫލު އެއީ އެހާ ރަނގަޅު އުޞޫލެއް ނޫނެވެ. ޚާއްޞަކޮށް ދެމަފިރީންނަށް ދަރީންތަކެއް ލިބިފައިވާ ނަމަ، ކައިވެނި ރޫޅާ ލުމަކީ އޭގެ ސަބަބުން އެކުދީންގެ ނަފްސިއްޔަތަށާއި، އުޅުމަށް އަދި ކިޔެވުމަށްވެސް ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ބައިވަރު އަސަރުތަކެއް ކުރާ ކަމެކެވެ.
ކައިވެނީގެ ތެރޭގައި ދެމަފިރިން އުޅެމުންދާ އިރު މައިންބަފައިން ހިތްހަމަ ނުޖެހޭ ކަންކަމާ ވަރަށް ގިނައިން ކުރިމަތިވާނެ އެވެ. އެއީ ކަންކަމުގައި އެމީހުން ވިސްނާގޮތާއި ޒުވާން ދެމަފިރިއަކު ވިސްނާގޮތާ ވަރަށް ތަފާތުވާނެއެވެ. ވީމާ، މައިންބަފައިން ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، ކައިވެންޏަށް އެކަމުގެ ރޯޅި ބޭލުމަކީ އެއީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ޚާއްޞަކޮށް ކައިވެންޏަށް ދަރީން ލިބިފައިވާނަމަ އަބަދުވެސް ބަލަންޖެހޭނީ، ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ އެވެ.
ކައިވެނި ރޫޅުމަކީ ދަރީންގެ ތަރުބިއްޔަތަށް އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާ އެއް ކަންތަކެވެ. ކައިވެންޏެއްގައި ދެމިހުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. މައްސަލަ ޖެހޭނެ އެވެ. އުނދަގޫތަކާ ކުރިމަތިވާނެ އެވެ. ވިމާ، ކައިވެނީގައި މައްސަލަ ކުރިމަތިވާ ކޮންމެ ފަހަރަކު ކައިވެނި ރޫޅާލުމާ މެދު ވިސްނާ ނަމަ، ގިނަ ކައިވެނިތައް ރޫޅޭނެ އެވެ. މައްސަލަ ދިމާވުމުން ކަންތައް ކުރަންވީ ގޮތަކީ މައްސަލަ ޙައްލުކޮށް ކައިވެންޏައިގެން ކުރިޔަށް ދިޔުމެވެ.
ދެމަފިރިއަކު ރަނގަޅު ގޮތުގައި ދިރިއުޅެމުންދާ ނަމަ، މައިންބަފައިންނަށް ވެސް އެންމެ ބުއްދިވެރި އެންމެ ހަމަޖެހޭ ގޮތަކަށް ވާނީ، އެ ދެމަފިރީންގެ ކަންކަން ނިންމުމަށް އެ ދެމަފިރީންގެ އަތްމައްޗަށް ދޫކޮށްލުމެވެ. އެއީ މައިންބަފައިންނަށް ނޭނގޭ އެތައް ބައިވަރު ސިއްރުތަކެއް އެ ދެމަފިރީންގެ ހުންނާނެ އެވެ.
އެހެން ނަމަވެސް، ޚިޔާލާއި މަޝްވަރާ އަށް އެދުމުން ޚިޔާލާއި މަޝްވަރާ ދެވިދާނެ އެވެ. އަދި ގޯސްމަގަކުން ދާ ނަމަ، ނަޞީޙަތްތެރިވާން ޖެހޭނެ އެވެ. ނިންމާ ނިންމުންތައް ވާން ޖެހޭނީ އަމިއްލަ ސިކުނޑިން ވިސްނާ އަމިއްލަ އަށް ވާނުވާ އެނގި ހުރެ، ނިންމާ ނިންމުންތަކެއް ކަމުގަ އެވެ. އެއީ އެފަދަ ނިންމުންތަކަކީ އެކަމުގެ އަސަރު އެތައް ބަޔަކަށް ކުރާނޭ ނިންމުންތަކެކެވެ. ވީމާ ކައިވެނީގެ ތެރެއަށް ވަދެ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަން ޖެހެ އެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.