Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

އެއްފަހަރާ ދެ ޑްރެޖަރުން ފޭސް ތިނެއް ހިއްކުން ކުރިއަށް

އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ ސްޕީޑު އަވަސްކޮށްފި އެވެ.

ފޭސް ތިނެއްގެ މަސައްކަތްތައް އެޗްޑީސީ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.

މި މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށް އިތުރު ޑްރެޖަރެއް ރާއްޖެ އައިސްފައިވާއިރު، ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެއަށްފަހު ހުޅުމާލެ ފޭސް 3 ހިއްކުމުގައި އުޅޭ ދެ ޑްރެޖަރު، ފޭސް 3 ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފަށާތާ ދެތިން މަސްތެރޭ ގިރާވަރުފަޅު ހިއްކާ ނިިންމާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ސަރުކާރުން ނިންމާފައިވަނީ 63 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ހުޅުމާލެ ފޭސް 3 ގައި ހިއްކުމަށް ބާކީ އޮތީ 35 ހެކްޓަރުގެ ބިމެވެ.

ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތް މަޝްރޫއުއަށް 50 ހެކްޓަރު އިތުރުކުރަން ނިންމައި އެ ފަޅު ހިއްކައި ނިމޭއިރު 219 ހެކްޓަރު ހުންނާނެ އެވެ. އޭގެ ތެރެއިން 90 ހެކްޓަރު ވަނީ މިހާރު ހިއްކާފަ އެވެ.