Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާ މިންވަރު އެބަފެނޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާތަކުން ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާ މިންވަރު ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ތައިލެންޑް، އިންޑޮނޭޝިއާ އަދި ވިއެޓްނާމް ފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާތަކަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާ މިންވަރު ހަނދާންކޮށްދޭ ކަމެއް ކަމަށެވެ.

މި ކާރިސާތަކާ ގުޅިގެން ރައީސް ވަނީ ތައިލެންޑް، އިންޑޮނޭޝިއާ އަދި ވިއެޓްނާމްގައި ލިބުނު ގެއްލުންތަކާ މެދު ހިތާމަ ފާޅުކޮށް ކާރިސާތަކުގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ހޮންގްކޮންގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމަކީ ވެސް ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ ނަމުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި، ސަރުކާރަށާއި، އަދި ހާދިސާގައި ގެއްލުންވި ފަރާތްތަކުގެ އާއިލާތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފަ އެވެ.

މި ހާދިސާތަކުގެ އަސަރުކުރި ހުރިހާ ފަރާތްތަކަކާއެކު ރާއްޖެ ސާބިތުކަމާއެކު އެކު އޮންނާނެ ކަމަށާއި އަދި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ސަލާމަތީ ޓީމުތަކުގެ ހިތްވަރަށް ރައީސް ތައުރީފު ކުރެއްވި އެވެ.