Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ

ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މިރޭ އިލްތިމާސް ކޮށްފި އެވެ.

އެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ތޫފާން ޑިޓްވާގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކަނޑު ގަދަވެ، ބިންގަނޑު ކަނޑައިގެން ދިޔުންފަދަ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށާއި ވިއްސާރައިގެ ސަބަބުން ލަންކާއަށް ރަތް ސަމާލު ނެރެފައިވާ ކަމަށެވެ.

އަދި އެގައުމުގައި ދިރިއުޅޭ ރައްޔިތުންނާއި އެގައުމަށް ދަތުރުކުރައްވާ ދިވެހިންގެ ސަލާމަތަށްޓަކައި ގިނަ ކަންތައްތަކަށް ސަމާލުވުމަށް ވަނީ އަންގާފަ އެވެ. އެގޮތުން:

– ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށާއި ހާއްސަކޮށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދަތުރު ނުކުރުން.

– ބޯކޮށް ވާރޭވެހި، ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުކުމެ ނޫޅުން.

– ލަންކާގެ މޫސުމާއި ބެހޭ އިދާރާ އަދި ޑިޒާސްޓާ މެނޭޖަމްނަޓު ސެންޓަރުން ދޭ އަދާހަމަ މައުލޫމާތާ އެއްގޮތަށް އަމަލުކޮށް، އެފަރާތްތަކުން އަންގާ އެންގުންތަކަށް ސަމާލުކަން ދިނުން.

– ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާޑޫގެ ބާވަތްތަކާއި ފެނާއި ބޭސްފަދަ ސާމާނު ހޯދައި ރައްކާތެރި ތަންތަނުގައި ބެހެއްޓުމާއި އަދި މޮބައިލް ފޯން ޗާޖުކޮށް މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

– މި ވިއްސާރައިގައި ކޯރުތައް ފުރި ބަންޑުންވަމުންދާ ކަމުގެ އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ދީފައިވާތީ އެފަދަ ސަަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކާއި ބިން ތިރި ސަރަހައްދާއި މޫދާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މިވަގުތު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުން.

– މާލެ ދަތުރުކުރާ ފަރާތްތަކުން ދުރާލާ ވަގުތު އޮތްވާ އެއާޕޯޓަށް ދަތުރުފެށުން އަދި ކަމާއި ގުޅޭ އިދާރާތަކުން އަދާހަމަ މައުލޫމާތު ހޯދުން.

ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ 94761886666+ އަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެ އެވެ.