އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުނު ކަމަށް ބުނެ ހުއްޓާލައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ހުސްވީ ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ޗެއާޕާސަނަކަށް ތިން މެންބަރެއްގެ ނަން ހުށަހަޅައި ތާއީދު ލިބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
މީގެތެރެއިން ވަހީދު ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން ފެނޭތޯ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރޭ ވޯޓަށް އެހުމުން ލިބުނީ 47 ވޯޓެވެ. ނަމަވެސް ފެންނަކަމަށް ކަނޑައަޅަން 48 ވޯޓު ބޭނުންވެ އެވެ. އެހެންވެ ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.
ދެން ހުށަހަޅާފައި ހުރިނަންތަކަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރުވި ނަމަވެސް ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ނިކުތުމުން ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ވަނީ ޖަލްސާ ހުއްޓާލާފަ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެރޭ އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށްޓަކައި ކަމަށް ވިދާޅުވެ އެވެ.
ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި އިރު ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވެ އެވެ.