Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

މާޔޫސްކަމުން އަރައިގަނެވުނީ ރައީސްގެ ކެތްތެރިކަމުން

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ މާޔޫސްކަމުން އެނބުރި ސްޓެބިލިޓީއަށް އައިސްފައިވާކަން މޫޑީސްއިން އިއުލާންކުރީ ފާއިތުވި ދެ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކެތްތެރިކަމާއެކު ކުރިއަށް ގެންދިޔަ މަސައްކަތުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ދާދިފަހުން ވަނީ ބަދަލުކޮށްފަ އެވެ.

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 ޙަފްލާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވާރުތަވި އެންމެ ބޮޑު މައްސަލައަކީ މާލީ ހީނަރުކަން ކަމަށާއި އަދި ރާއްޖޭގެ ރޭޓިން ވެސް އޮތީ އިންތިހާއަށް ދަށަށް ގޮސްފައި ކަމަށެވެ. ނަމަވެސް މޫޑީސް އިން ރާއްޖޭގެ އައުޓްލުކް "ސްޓޭބަލް" ކަމަށް ކަނޑައެޅުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ޔަގީންކަމެއް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މީގެ ފަހަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން އިގްތިސާދީ ހުރިހާ ފަރާތްތަކާއެކު ރައީސް ހޭދަކުރެއްވި ދެ އަހަރަކީ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި ވިސްނުމާއެކު ކުރިއަށް ގެންދިޔަ ދެ އަހަރު ކަމަށެވެ.

"ރައީސް ލީޑު ކުރެއްވި މި ދެ އަހަރަކީ، ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި ވިސްނުމާއެކުގައި ކުރިއަށް ގެންދިޔަ ދެ އަހަރު ކަމަށްވާތީ، ހަގީގަތުގައި ރާއްޖެ އަލުން އަނބުރާ އެ މާޔޫސްކަމާއި ޑިޕްރެޝަނުން، ސްޓެބިލިޓީއަކަށް އައިކަން މޫޑީސް އިން އިއުލާން ކުރެވިފައި އެވަނީ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައިވާ ގޮތުން ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފަ އެވެ.

އޭގެ އިތުރުން، މިދިޔަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ސިޔާސަތުތަކާއެކު މިމަހުގެ ނުވައެއްގެ ނިޔަލަށް އެ އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައި ކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެ އެވެ. އަދި މޫޑީޒްގެ ބަޔާނުގައި ވަނީ، ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ހަރަދުތައް ކޮންޓްރޯލްކޮށް މިއަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްފަ އެވެ.