Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

ލަންކާ އަށް 50،000 ޑޮލަރާއި މަސްދަޅު ދެނީ

ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ގައުމަށް އެހީވާން ރާއްޖެ އިން 50،000 ޑޮލަރާއި 25،000 މަސްދަޅު އެހީގެ ގޮތުގައި ހަދިޔާ ކުރަން ނިންމައިފި އެވެ.

މިއީ "ޑިޓްވާ" ގެ ސަބަބުން އަވައްޓެރި އެ ގައުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދޭން ނިންމި އެހީއެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އިން ލަންކާ އަށް ދޭން ނިންމި އެހީން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ. އަދި ރާއްޖެއިން އުއްމީދު ކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި، އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިއްސާރައި ލަންކާ އިން މިހާތަނަށް 70 އެއްހާ މީހުން މަރުވެފައިވެ އެވެ.