Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަނުން 21 މިލިއަނަށް ބިމެއް ގަނެފި

ހައްޖު ކޯޕަރޭޝަންގެ ވެރިންތަކެއް.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 21.5 މިލިއަން ރުފިޔާ އަށް ހުޅުމާލެ އިން ބިމެއް ގަނެފި އެވެ.

ހުޅުމާލޭ ފޭސް އެކަކުން ގަތް ބިމުގެ ބޮޑުމިނަކީ 5،700 އަކަފޫޓެވެ. މި ބިމަށް ދައްކަން ޖެހޭ ޖުމްލަ 21،510،876.80 ރުފިޔާ ދައްކައި ޝަރީއަތް މެދުވެރިކޮށް ބިމުގެ މުއާމަލާތް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހައްޖު ކޯޕަރޭޝަނުން ހުޅުމާލެ އިން ބިމެއް ގަތް އިރު، އެ ކުންފުންޏަށް ފައިސާ ހޯދުމަށް ޓޫރިޒަމް ދާއިރާ އަށް ވެސް އިންވެސްޓް ކުރަން ނިންމާފައިވެ އެވެ. އެގޮތުން މާފުށީ ކައުންސިލާ ގުޅިގެން ޖޮއިންޓް ވެންޗާއެެއްގެ ދަށުން ސިޓީ ހޮޓަލެއް ތަރައްގީ ކުރަން އޮތީ ބީލަމަށް ވެސް ހުޅުވާލައިފަ އެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން "ނިއަމް ރެސިޑެންސް" ގެ ނަމުގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެކު އެެއްބަސްވުމެއްގައި ސޮއި ކޮށްފައިވެ އެވެ.

އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި ހައްޖު ކޯޕަރޭޝަންގެ ނުވަ ބުރީ އެ އޮފީސް އިމާރާތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާއަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވެ އެވެ. އެތަނުގެ ބިންގާ ވެސް އޭރު އަޅާފައިވެ އެވެ.

ހައްޖު ކޯޕަރޭޝަނަކީ ރާއްޖެ އިން މީހުން ހައްޖާއި އުމްރާ އަށް ގެންދާ ސަރުކާރުގެ ކުންފުންޏެވެ. އެ ކުންފުނި އުފެެއްދީ 2013 ގަ އެވެ.