Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އަލްހާން ވެރިކަމަށް ވާދަކުރަނީ

ރާއްޖޭގެ ރައީސްކަން ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަލްހާން ފަހުމީ 2028 ގެ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން ނިންމައިފި އެވެ.

އެހެންވެ އޭނަ ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީ އަށް ވާދަކުރައްވާނެކަން ވެސް އިއުލާން ކުރައްވައިފަ އެވެ. އަލްހާން ވިދާޅުވީ އޭނަ މިކަމަށް ނުކުންނަވަން ނިންމީ ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި ޒަމާނީ ޑިޖިޓަލް ރާއްޖެއަކަށް ގައުމު ބަދަލުކޮށް، މާލީ ގޮތުން މިނިވަން ފުދުންތެރި ގައުމަކަށް ރާއްޖެ ބައްޓަން ކުރެއްވުމުގެ ވިސްނުންތަކާ އެކީގަ އެވެ.

ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އެމްޑީޕީން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއީލެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރުކަން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކުރިން ކުރެއްވި އަލްހާން އެ ޕާޓީން ފަހުން ވަކިވެވަޑައިގަތުމަށް ފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 2023 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު އެ ޕާޓީގެ ރައީސް ކަމަށް ވެސް އޭނަ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

މި ފަހުން ޕޮންޒީ ސްކީމެއްގެ މައްސަލައިގައި ގިނަ އަދަދެއްގެ ދައުވާތަކެއް ވެސް އުފުލައި، މިހާރު އެ ދައުވާތަކުން ސަލާމަތްވެފައިވާ އަލްހާނަކީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ މެންބަރު ކަމަށް ވާދަކުރައްވަން ނިންމެވި ބޭފުޅެކެވެ.

ނަމަވެސް ފަހުން އެ ނިންމުން އޭނަ ބަދަލުކުރައްވައި މަޖިލީހަށް ވާދަނުކުރައްވަން އަލްހާން ނިންމެވީ އޭނަގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ހިންގި ޕޮންޒީ ސްކީމާ ގުޅިގެން ކުރި ދައުވާތަކާ ގުޅިގެންނެވެ.