Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އައްޑޫ އާ އިންޖީނުުގެ 2027 އަށް ނިމޭނެ: ފެނަކަ

އައްޑގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ކުރާ މަސައްކަތުގެ ދަށުން އާ އިންޖީނުގޭގެ މަސައްކަތް 2027 އަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ މަސައްކަތް ކުރަނީ 2027 ގެ ރޯދައިގެ ކުރިއަށް އެ މަޝްރޫއު ނިންމުން ކަމަށެވެ.

މި އިންޖީނުގެ އަކީ އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ހާއްސަ އިންޖީނުގެއެކެވެ. މި އަވަށްތަކަކީ އައްޑޫގައި އާންމުކޮށް ކަރަންޓް މައްސަލަތައް ދިމާވާ ހަތަރު އަވަށް ވެސް މެ އެވެ.

އާ އިންޖީނުގެއާ އެކު ކަރަންޓް ކެޕޭސިޓީ 30 މެގަވޮޓަށް އިތުރުވެގެން ދާނެ އެވެ.

ނަޖާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގޮތަށް 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފެނަކައިގެ މުވައްޒަފުންނާއެކު ނުވަތަ އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް، މި އަހަރުގެ ނިމުމުގެ ކުރިން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މިހާރުގެ ކަރަންޓް ކެޕޭސިޓީއަކީ 13 މެގަވޮޓެވެ. ފެނަކަ އިން ބުނީ ކުރިއަށް އޮތް ރޯދައިގެ ކުރިން ކެޕެސިޓީ 16 ނުވަތަ 17 މެގަވޮޓަށް އިތުރު ވާނެ ކަމަށެވެ.