ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލިތާ 41 ގަޑިއިރުގެ ތެރޭގައި 29 ވިޔަފާރިއެއްގެ ރިޕޯޓް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ މިއަދު މެންދުރު ފަހުން ފެށިގެން، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނެޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ވެސް ފަށާނެ ކަމަށެވެ.
"އަދި ރިޕޯޓްކުރި ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުން ދާނެކަމުގެ ޔަގީންކަން އަރުވަން." ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިއްޔެ އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރު ތެރޭ، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭކަމަށް ވިދާޅުވެ، 29 ވިޔަފާރިއެއްގެ ރިޕޯޓު ޢާއްމު އެކި ފަރާތްތަކުން ކުރައްވާފައިވޭ.
މިއަދު…
— Mohamed Saeed (@em_saeed) November 29, 2025
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭ ނަމަ އެކަން މިނިސްޓްރީ އަށް ރިޕޯޓްކޮށް ދޭން އެދި ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 34 ދާއިރާއެއްގެ ލިސްޓެއް ދާދި ފަހުން އާންމު ވެސް ކޮށްފައިވެ އެވެ. މިނިސްޓްރީން ބުނީ ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ ދެ ގޮތެއް އެ ވުޒާރާއަށް ފާހަގަވާކަމަށެވެ. އެއީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުމެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ވެސް އޮޕަރޭޝަނެއް ކުރިއަށް ގެންދާ އިރު، ބިދޭސީންގެ ވިޔަފާރި ހިންގާ އެތައް ވިޔަފާރިއެއް މި ފަހުން ހުއްޓުވާފައިވެ އެވެ.