Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އަތޮޅު ކައުންސިލްތައް އުވުނަސް ވަޒީފާތައް ނުގެއްލޭނެ

އަތޮޅު ކައުންސިލްތައް އުވުނަސް، މުވައްޒަފުންގެ ވަޒީފާތައް ނުގެއްލޭނެ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މާލެ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ތުލުސްދޫގައި ކުރިއަށް ގެންދާ "ކާފު ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަތޮޅުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެއް މޭޒު ދޮށުގައި ތިބެ މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީން ލިބުނުި އެންމެ އަގުބޮޑު ހަދިޔާ އަކީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ކަށަވަރުކޮށް ދިނުން ކަމަށެވެ. ނަމަވެސް މި ނިޒާމު އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށް ވިދާލުވި އެވެ..

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމެއްކަން އެންމެން ވެސް ޤަބޫލްު ކުރާ ކަމަށާއި ރަށެއްގައި ކައުންސިލް ރަނގަޅަށް ހިނގާ ކަމަށްވާ ނަމަ އެރަށެއްގެ މުހިންމު ހުރިހާ ކަމެއް ނިންމަން ޖެހޭނީ ރައްޔިތުންނާއި ވާހަކަ ދައްކައިގެން ރައްޔިތުންނާ ގާތުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާއެކު އަތޮޅު ކައުންސިލްތަކަށް ވާ ގޮތް ކޮންމެ މީހަކަށް ވެސް އެނގުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އަދި އަތޮޅު ކައުންސިލްތައް އުވުނަސް މިހާރު އައި ބަދަލާއެކު ކައުންސިލްތަކުގައި ތިބި މުވައްޒަފުންގެ މަގާމުތަކާއި ވަޒީފާއަކަށް އެއްވެސް ބިރެއް ނެތްކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިނިސްޓަރު ވިދާލުވި އެއެވެ.

"އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އުފެދޭ އިދާރާތައް އުފެދޭނެ ކަމަށް ޔަގީން ކުރަނީ އަދި އެކަން ނިންމާނީ އެލްޖީއޭގެ ބޯޑުގެ ފަރާތުން. މި ވަގުތު ބޯޑުގެ ރައީސަކަށް ވެސް ހުރީ އަޅުގަނޑު،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ދައުލަތުގެ ކަމާއި ބެހޭ ފަރާއްތަކާއި މަޝްވަރާކޮށްގެން އަދި މަސައްކަތްތައް ކުރިއަށް ގެންދާއިރު އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އިދާރާތައް އުފެދިގެން ދާނީ މިހާރުވެސް އަތޮޅު ކައުންސިލުތައް އޮތް ރަށްރަށުގައި، އެހެންވީމަ އެގޮތަކުން މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް ނުފެނޭ."

އާދަމް ޝަރީފު ވިދާޅުވީ އަތޮޅު ކައުންސިލްވުމުން އައި ބަދަލުތަކުން އެކު އަތޮޅުތަކުގައި ދެމުން އަންނަ ޚިދުމަތްތައް ހުއްޓުމެއް ދެވެމުން ދާނެ ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުތަކަށް ހުށަހެޅި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން މިހާރު އޮތީ ފާސްކޮށްފައެވެ. ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ދަށުން 2،000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުންނެވެ. އަދި އެއަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ކަމަށް ބަޔާންކޮށްފައިވެ އެވެ.