ހޮންކޮންގުގެ ހައުސިން ޓަވަރުތަކެއްގައި ރޯވެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ހިތާމައިގެ ތިން ދުވަސް މިއަދު އިއުލާންކޮށްފި އެވެ.
މިކަމާ ގުޅިގެން މިއަދު ވަނީ ބައި ދަނޑިއަށް ދިދަ ވެސް ތިރިކޮށް، ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ރަސްމީ އިދާރާތަކުގައި ހިމޭންކަމުގެ ސުކޫތެއް ވެސް ގެނެސްފަ އެވެ.
ޓައި ޕޯގައި މިދިޔަ ބުދަ ދުވަހު ރޯވި ޓަވަރުތަކަކީ ގާތްގާތުގައި އިމާރާތްކޮށްފައިވާ ޓަވަރުތަކެކެވެ. އެގޮތުން އަށް ޓަވަރުގެ ތެރެއިން ހަތް ޓަވަރެއްގައި ރޯވެ 128 މީހަކު މަރުވެފައިވާ އިރު ޒަހަމްވި އެތައް ބަޔަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާގައި 200 އެއްހާ މީހުން ގެއްލިފައިވެ އެވެ.
ޓަވަރުތަކުގައި ރޯވި އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް އޮނު ހަރުތަކެއް ޖަހައި، ފަސޭހަ އިން އަލިފާން ހިފައިފާނެ ކަހަލަ ދާތަކެއް ވެސް ދަމާފައި ވަނިކޮށެވެ

ޓަވަރުތައް ރޯވި ހާދިސާއާ ގުޅިގެން ވަނީ މަރާމާތުގެ މަސައްކަތް ކުރަމުން ދިޔަ ކުންފުނީގެ 11 މުވައްޒަފަކު މިހާތަނަށް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 8 މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ އިރު، އަނެއް ތިން މީހުންގެ މައްޗަށް ވަނީ ބަޔަކު މަރާލުމުގެ ދައުވާކޮށްފަ އެވެ.
ހޮންކޮންގުގެ ފުލުހުން ބުނެފައިވާ ގޮތުގައި ޓަވަރުތަކުގައި ރޯވި ހާދިސާ އަކީ ފަރުވާ ކުޑަވުމާއި އިހުމާލުތަކުގެ ސަބަބުން ހިނގި ވަރަށް ވެސް ހިތާމަވެރި ހާދިސާއެކެވެ. އެހެންވެ މިކަމުގެ ޒިންމާ ޓަވަރުތަކު މަރާމާތާ ހަވާލުވި ކުންފުނިން ނަގަން ޖެހޭނެ ކަމަށް ފުލުހުން ބުންޏެވެ.
ޓަވަރުތަކުގައި ރޯވި ހާދިސާ އަކީ ފާއިތުވި 80 އަހަރުގެ ތެރޭގައި ހޮންކޮންގައި ހިންގި އެންމެ ނުރައްކާތެރި، އެންމެ ހިތާމަވެރި ހާދިސާ އެވެ.