އެމްޑީޕީ މިވަގުތު ތަޖުރިބާ ކުރަމުންދަނީ އުނދަގޫ ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ތެރޭގައި ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެއް އުފެދިފައިވާއިރު، ދާދިފަހުން އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވި ފައްޔާޒު އިސްމާއިލް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ މިވަގުތު ތަޖުރިބާ ކުރަމުންދަނީ އުނދަގޫ ދުވަސްތަކެއް ކަމަށާއި ނަމަވެސް މި ހާލަތުން އެމްޑީޕީ އަރައިގަންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
"މިއަދު އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން އެ ބުނަމުން ދަނީ މުހިއްމީ ޕާޓީގެ އެއްބައިވަންތަކަން ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ރޭ ބޭއްވި ނަމަވެސް އެ ބައްދަލުވުން ހޫނުވެ އެންމެފަހުން ވަނީ ޖަލްސާ ހުއްޓާލާފަ އެވެ.
ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ޗެއާޕާސަނަކަށް ތިން މެންބަރެއްގެ ނަން ހުށަހަޅައި ތާއީދު ލިބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
މީގެތެރެއިން ވަހީދު ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން ފެނޭތޯ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރޭ ވޯޓަށް އެހުމުން ލިބުނީ 47 ވޯޓެވެ. ނަމަވެސް ފެންނަކަމަށް ކަނޑައަޅަން 48 ވޯޓު ބޭނުންވެ އެވެ. އެހެންވެ ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.
ދެން ހުށަހަޅާފައި ހުރިނަންތަކަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރުވި ނަމަވެސް ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ނިކުތުމުން ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ވަނީ ޖަލްސާ ހުއްޓާލާފަ އެވެ.